ޚަބަރު

ރިޔާސީ އިންތިޚާބުގައި ޕީއެންސީންވެސް ވާދަކުރަނީ، ކެނޑިޑޭޓަކު ކަނޑައެޅުން މިއަދު ހަވީރު


  • ޕީއެންސީން ކެނޑިޑޭޓަކު ނެރުމަށް ފާސްވީ 44 މެމްބަރުންގެ ވޯޓުން

  • ރިޔާސީ ޓިކެޓަށް، އާދަމް ޝަރީފާއި، ޑރ.މުއިއްޒު ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަމަށް މައުލޫމާތުލިބޭ

  • ޕީއެންސީން ކެނޑިޑޭޓަކު ކަނޑައެޅުމާއިމެދު މިއަދު ގޮތެއް ނިންމާނެކަމަށް މައުލޫމާތުލިބޭ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެޕާޓީގެ ސެނެޓުން ފާސްކޮށްފިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުޅުވާލާފައިވާ ފުރުޞަތު މިމަހުގެ 7 ވަނަ ދުވަހަށް ހަމަވާއިރު، އެކޯލިޝަންގެ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރިޔަސީ ކެނޑިޑޭޓް ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ކެނޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފައެވެ.

ޕީއެންސީން ބޭއްވި ސެނެޓުގެ ބައްދަލުވުމުގައި ނިންމަވާފައިވަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެނޑިޑޭޓަކު ނެރުމަށެވެ. ސެނެޓުގެ މިބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން ކެނޑިޑޭޓަކު ނެރުމަށް ތާއީދު ކުރެއްވީ 44 މެމްބަރުންނެވެ. މި ނިންމުމާއެކު ޕީއެންސީގެ ޓިކެޓަށް ވަދަކުރައްވަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާނެއެވެ. އަދި ވާދަކުރައްވާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު މިއަދު ހަވީރު 4 ޖަހާއިރު ކުރިއަށްދާނެއެވެ. މި އިންތިޚާބުގައި ލާނީ ސިއްރު ވޯޓެކެވެ.

ޕީއެންސީން ރިޔާސީ ކެނޑިޑޭޓަކަށް ވުމުގެ ޝައުގުވެރިކަން އެޕާޓީގެ ނައިބް ރައީސް އާދަމް ޝަރީފާއި، ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާޅުކުރައްވާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު މިހާރު ވަނީ ޕީ.އެން.ސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ޕީޕީއެމްއިން ވަކިވެ، ޕީއެންސީއަށް ގުޅިވަޑައިގެންފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން، އެޕާޓީން ވަނީ އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.