ކުޅިވަރު

މާމިގިލި ބަލިކޮށް އަތޮޅު ޒުވާނުންގެ މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫއަށް


މިނިވަން ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން އދ. މަހިބަދޫގައި ބޭއްވި އަތޮޅު ޒުވާނުންގެ 12 ވަނަ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މާމިގިލި ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް މަހިބަދޫން ހޯދައިފިއެވެ.

ޖުލައި 19 އިން 31 ގެ ނިޔަލަށް ކުރިޔަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ ހޯދީ އެ ރަށުގެ ޕެލޭ ސްޓޭޑިއަމުގައި ކުޅުނު މުބާރާތުގެ ފައިނަލުގައި 4-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލުގައި މަހިބަދޫ އިން ފެށީ ވަރުގަދަކޮށެވެ. ގާތްގާތުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު މާމިގިލިން ވެސް ވަނީ ލިބުނު ފުރުސަތުތަކުގައި ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އެ ޓީމަށް ދިމާވީ ނިންމާނުލެވުމުގެ މައްސަލައެވެ.

މެޗުގައި މަހިބަދޫ އިން ލީޑުނެގީ ފުރަތަމަ ހާފުގެ ފަހުކޮޅުގައެވެ. އޭރިއާ ބޭރުން މާމިގިލީގެ ކުޅުންތެރިން ކަޓުވާލުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މަހިބަދޫގެ ކެޕްޓަން މިދުހަތު ފަހުމީ އެވެ. އެ ޓީމުން ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ 52 ވަަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ އަލީ ނަސޫހު ރަޝީދެވެ.

މި ދެ ލަނޑާއެކު މާމިގިއްޔަށް ޕްރެޝަރު ބޮޑުވެގެންދިޔަ އެވެ. އަދި ޑިފެންސްލައިނަށް ބާރުބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން މަހިބަދޫއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖެހީ ޝުއައިދު ސައީދެވެ. އަދި ހަތަރުވަނަ ލަނޑު މެޗުގެ އެންމެ ފަހުކޮޅު ކާމިޔާބުކުރީ އާދަމް ނާއިލެވެ.

އަތޮޅުގެ ހަތް ރަށުން ބައިވެރިވި މި މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް މާމިގިލީގެ ކީޕަރު އިސްމާއީލް އަލީ އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް މަންދޫގެ މުހައްމަދު ފިޒާލް ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ މަހިބަދޫގެ މުހައްމަދު ޝާރިހެވެ. އަދި އެންމެ މޮޅު ފޯވާޑަކަށް މަހިބަދޫގެ މުހައްމަދު ޖުނެއިދު އަދި އާދަމް ނާއިލް ހޮވުނުއިރު މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ހަންޏާމީދޫގެ މިންދާދު އަބްދުލް ހަސީބެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މަހިބަދޫގެ މުހައްމަދު ޖުނެއިދެވެ.

މެޗަށްފަހު ވާހަކަދައްކަމުން މަހިބަދޫގެ އެސިސްޓަންޓް ކޯޗު ބުނީ މިއީ ބޮޑު ކާމިޔާބީއެއް ކަމަށާއި ކުޅުންތެރިން ދެއްކި ކުޅުމާ ހިތްވަރުން މަހިބަދޫގެ ފުޓުބޯޅަ މުސްތަގްބަލް އޮތް ގޮތް އެނގިގެންދިޔަ ކަމަށެވެ.

އަރި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ އިން ހޯދިއިރު މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އެ ރަށުން ހޯދި 8 ވަނަ ފަހަރެވެ.