ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު ކޯލިޝަނުން ކަނޑައަޅުއްވާފައިވާ ރައީސް ޢަބްދުﷲ ޔާމީންގެ ކެނޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައި ނުގަތް މައްސަލަ ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށައަޅުމުން އެ މައްސަލަ ބަލައިގެންފިއެވެ.
އަންނަމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ އިއްޔެއެވެ. އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައިނުގަތުމަށް ނިންމަވާފައިވާ ނިންމެވުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރުމަށް ގާނޫނޫ އަސާސީގައި ބުނާ ޝަރަތު ރައީސް ޔާމީންގެ ކިބައިގައި މިވަގުތު ފުރިހަމަ ނުވާކަމަށެވެ.
އިލެކްޝަންގެ ނިންމެވުން ޕީޕީއެމްއިން ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އެ މައްސަލަ ބަލައި ގެންފައިވާއިރު، މައްސަލައިގެ އަޑު އެހުމެއް ތާވަލް ކުރާނެ ދުވަހެއް ކަނޑައެޅުމަށްފަހު ވެބްސައިޓްގައި އާއްމުކުރައްވާނެކަމަށް ސްޕްރިމް ކޯޓުން ވިދާޅުވެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.
އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ. އަދި މި ފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު މިމަހުގެ 7 ވަނަ ދުވަހު ހަމަވާނެއެވެ. މިހާތަނަށް އިލެކްޝަނަށް ފޯމު ހުށަހަޅުއްވާފައިވަނީ ރައީސް ޔާމީން އެކަންޏެވެ. އަދި އެހެން ކެނޑިޑޭޓަކު ފޯމު އިލެކްޝަނަށް ހުށަހަޅުއްވާފައި ނުވެއެވެ.