މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދިވެހިން ދިރިއުޅޭ ޤައުމުތަކުގެ ތެރެއިން މިހާތަނަށް ފޮށި ބެހެއްޓޭވަރަށް ރަޖިސްޓްރީކޮށްފައިވަނީ 4 ޤައުމަކުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އިންތިޚާބުގައި ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ދެއްވުމަށްޓަކައި ރާއްޖެއިން ބޭރުގައިވެސް 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކުރާ ޤައުމުތަކުގައި ވޯޓު ފޮށި ބެހެއްޓެވުމަށް ނިންމާފައެވެ.
ވޯޓުފޮށި ބެހެއްޓޭގެ ޤައުމުތަށް ކަށަވަރު ވެގެންދާނީ ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ ނިމުމުންނެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މިރޭ 12:00 ޖެހުމާއި ހަމައަށް ފޯމު ހުށަހެޅޭނެއެވެ. އަދި ކަރުދާސް ފޯމު ހުށަހަޅާ ފަރަތްތަކަށް މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ މެލޭޝިޔާ އާއި އިނގިރޭސިވިލާތުގެ އިތުރުން، އިންޑިޔާގެ ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގައި ކަމަށެވެ. ސިންގަޕޫރު، ތައިލޭންޑް، އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ވޯޓުލާ މީހުން އަދި ރަޖިސްޓްރީވެފައިނުވާކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވަނީ ސުންގަނޑި ހަމަވުމުގެ ކުރިން ރީ-ރަޖިސްޓްރީ ކުރެއްވުމަށް އެދިވަޑައިގެންފައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބަހައްޓާ ފޮށީގެ އަދަދުތައްވެސް ކަށަވަރު ވެގެންދާނީ ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ ނިމުމުންނެވެ. އިންތިޚާބުގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކާއިއެކު 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓޭނެކަމަށް އިލެކްޝަނުން ލަފާ ކުރައްވައެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިޚާބުގައި 282755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.