ކުޅިވަރު

އޮފީސް މުބާރާތްތައް ކުރިއަށްދާތީ ސަސްއަށް ދަތިތަކެއް އެބަހުރި: އިންމަ


އޮފީސް މުބާރާތްތައް މިހާރު ކުރިއަށްދާތީ، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ޓީމު ނެގުމުގައި ދަތިތަކެއް ހުރި ކަމަށް އެ ޓީމުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނެފިއެވެ.

ލީގުގައި އެންމެ ފހުން ޓީސީ ސްޕޯޓްސް ކުލަބު އަތުން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން އިންމަ ބުނީ އެ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށާއި، ކުޅުންތެރިން އެކަން ކުރި ނަމަވެސް އުނދަގޫތަކެއް ހުރި ކަމަށެވެ. އެ އުނދަގޫތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އިންމަ ބުނީ އޮފީސް މުބާރާތްތައް ކުރިއަށްދާއިރު، މެޗަށް ޓީމު ނެގުމުގައި މި ވަގުތު ދަތިތަކެއް ހުރި ކަމަށެވެ. އެގޮތުން ޓީމުގެ ކުޅިންތެރިން އޮފީސް މުބާރާތުގައި ކުޅެފައި، ލީގުގެ މެޗަށް ނުކުންނައިރު ވަރުބަލިކަން ފާހަގަކުރެވޭ ކަމަށާއި، އެއީ މި ވަގުތަށް ބަލާއިރު ދިމާވާ އުނދަގުލެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އިންމަ ބުނީ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ރަނގަޅު ނަމަވެސް، ފަހު ހާފުގައި ޓީމުގެ ކުޅުން ދަށްވެގެން ދިޔައީ ވަރުބަލިކަމުގެ ސަބަބުން ކަމަށެވެ. އެކަމަކު މުޅި މެޗަށް ބަލާއިރު ސަސް ޓީމުން ދެއްކީ ޑިސްޕްލިން ރަނގަޅު ކުޅެމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

"
އަޅުގަނޑުމެން ރިލެކްސްއެއް ނޫން، ހިތްހަމަޖެހިލައިއިގެން އަޅުގަނޑުމެން ނުތިބޭނަން، ލީގު ނިމެންދެން ކޮންމެ މެޗަކީވެސް އެހާ މުހިންމު މެޗެއް ކަމަށް ބަލައިގެން، ލީގުގައި އިރާދަކުރެއްވިއްޔާ ރަނގަޅު ޕޮޒިޝަނުގައި ސަސް ޓީމު އޮންނާނެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ)

ޓްރާންސްފާ ބާޒާރު ހުޅުވިފައި އޮތުމުން ޓީމުން ފެންނާނެ ބަދަލުތަކާ ބެހޭގޮތުން ވާހަކަދައްކަމުން އިންމަ ބުނީ ބޮޑަށް ވިސްނުން ހުރީ ހުނަރުހުރި ޒުވާން ކުޅުންތެރިންތަކެއް ޓީމަށް އިތުރުކުރުމަށް ކަމަށެވެ. އެކަމަކު ބިދޭސީ ކުޅެންތެރިއަކު ޓީމުން ފެނިދާނެ ކަމަށާއި، އެހެން ނަމެވެސް މި ވަގުތު އެއީ ގެންގުޅޭ ވިސްނުމެއް ނޫން ކަމަށްވެސް އިންމަ ބުންޏެވެ.

ޓީސީ އަތުން ހޯދި މޮޅާއެކު ސަސް އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ލީގުގު ފުރަތަމަ ބުރުގެ ފަހު މެޗުގައި ސަސް ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި ދެ ޓީމަށްވެސް 12 ޕޮއންޓް ލިބިފައިވާއިރު، ސަސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.