އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ކުލަބު އީގަލްސްގެ މި ވަގުތުގެ ހާލަތު ރަނގަޅު ނޫން ކަމަށާއި، އެކަމަކު ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
މިހާރު މާލެގައި ފެތުރެމުންދާ ބޭރަށް ހިންގުމުގެ ރޯގާގެ އަސަރު އެ ޓީމަށް ކޮށްފައިވާކަން ހާމަކުރަމުން މޯހަން ބުނީ ޓީމުގައި ހިމެނޭ ފަސް ކުޅުންތެރިއަކަށް ވައިރަހުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
ލީގުގައި އެންމެ ފަހުން ކުލަބު ގްރީން ސްޓްރީޓްސް އަތުން މޮޅުވި މެޗަށް ފަހު ވާހަދައްކަމުން މޯހަން ބުނީ އެ މެޗުގައި ބޭނުންކުރި ޒުވާން ކުޅުންތެރިންގެ ކުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި މުޅި މެޗުގައިވެސް ޖުމްލަކޮށް ޓީމުގެ ކުޅުން ރަނގަޅުކަމަށާއި، އެ މެޗުގައި ބަދަލުތައް ގެނައުމާ ހަމަޔަށް އީގްލަސްއިން ކުޅުނީ ވަރަށް ރަނގަޅަށް ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމާއި ފައަނަލް ޕާސް މިސްވުން ފާހަގަކުރެވުނު ކަމަށާއި، އެކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއް ރަނގަޅު ކަމަށްވެސް ވަނީ ބުނެފައެވެ.
"ލިބުނު ޗާންސްތަކުގެ ބޭނުން ނުހިފުމާއި، ދެން ފައިނަލް ޕާސް މިސްވުން ފާހަގަކުރެވުނު. ދެން ހުރިހާ ކަމެއް ރަނގަޅު، ބޯޅަ ހިފެހެއްޓުން، ބޯޅަ ގެއްލުމުން ކުރާ މަސައްކަތް، އަވަހަށް ހޯދުން. އެ ހުރިހާ ކަމެއް ދިޔައީ ވަރަށް ރަނގަޅަށް، ވަރަށް ހިތްހަމަޖެހޭ.އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)
މޯހަން ބުނީ ސީޒަންގެ މިޑް ޓްރާންސްފާ ބާޒާރުގައި އީގަލްސް ހަރަކާތްތެރިވާނެ ކަމަށާއި، ބައެއް ބިދޭސީ ކުޅުންތެރިންނާއެކު އުއްމީދަކީ ޓީމު އިތުރަށް ވަރުގަދަވެގެން ދިޔުން ކަމަށެވެ. އަދި ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ކުރިއަށްހުރި މެޗުތަކުގައި ކާމިޔާބު ލިބޭނެކަމުގެ އުއްމީދު ބޮޑު ކަމަށްވެސް މޯހަން ވަނީ ބުނެފައެވެ.
ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްއާ އަލަށް ގުޅުނު ޖަޕާނުގެ މިޑްފީލްޑަރު އެއިސޫކޭ މޯރީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. މި މޮޅާއެކު ތާވަލުގެ ދެވަނަގައި އީގަލްސް އޮތީ ކުޅުނު ހަ މެޗުން ހޯދި 16 ޕޮއިންޓާއެކުއެވެ.
ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ އީގަލްސް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އާއި އީގަލްސްއާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.