ކުޅިވަރު

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް: 200 މީޓަރު ބެކްސްޓްރޯކުގެ ޤައުމީ ރިކޯޑު އިމްޢާން އައުކޮށްފި


ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދިޔަ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑު ޢަލީ އިމްޢާން އައުކޮށްފިއެވެ.

މި މުބާރާތުގައި އިމްޢާން 200 މީޓަރު ބެކްސްޓްރޯކް އިވެންޓް ފުރިހަމަކޮށްފައިވަނީ ދެ މިނެޓު 23.46 ސިކުންތުންނެވެ. މި ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް އިމްޢާނެވެ. އެއީ 2019 ވަނަ އަހަރު ބޭއްވުނު ހަތްވަނަ ފީނާ ވޯލްޑް ޖޫނިއަރ ޗެމްޕިއަންޝިޕްސްގައި ވާދަކޮށް 200 މީޓަރު ބެކްސްޓްރޯކް އިވެންޓް ދެ މިނެޓު 28.17 ސިކުންތުން ނިންމައިގެންނެވެ.

މި ރިކޯޑާއެކު މި ފަހަރުގެ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިން ވަނީ ޖުމްލަ ހަ ރިކޯޑެއް ޤާއިމުކޮށްފައެވެ. އެގޮތުން އިމްޢާން ވަނީ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކުގެ އިތުރުން ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑުވެސް އާކޮށްފައެވެ. އަދި އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑު ހަމްނާ އަޙްމަދުވެސް ވަނީ އާކޮށްފައެވެ.

މީގެ އިތުރުން ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރިކޯޑު މުޙައްމަދު ރިޙާން ޝިހާމް އައުކުރިއިރު، އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރިކޯޑު މިރާލް ޢައިން ލަތީފުވެސް ވަނީ އައުކޮށްފައެވެ. އަދި ލޯންގް ކޯސް ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރިކޯޑު ދިވެހި ޓީމުން އައުކުރިއިރު، އެ ޓީމުގައި ހިމެނުނީ އިމްޢާނާއި، ޙަމްނާ އާއި، ރިޙާން ޝިހާމް އަދި މިރާލެވެ.