ރިޕޯޓް

ބްރިޖްގެ މަސައްކަތް ފެށިގެން ކުރިއަށް: ޝައުޤުވެރި މަންޒަރުތަކެއްް


ބްރިޖްގެ މަޝްރޫޢަކީ އިންޖިނިއަރިންގެ ދާއިރާއިން ރާއްޖޭގައި ކުރިއަށްގެންދެވޭ އެންމެ ބޮޑު މަޝްރޫޢެވެ. ކަމުގެ ބާވަތަށް ބެލި ނަމަވެސް، އަދި ޚަރަދަށް ބެލިނަމަވެސް، މިކަން އޮތީ މިހެން. ގިނަ ދިވެހިންތަކެއްގެ އުންމީދާ ގުޅިފައިވާ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް މިހާރު މިވަނީ ފަށައިގަނެވިފައެވެ. ދިވެހިރާއްޖޭގައި ފުން ކަނޑެއް ހުރަސްކޮށް، ބްރިޖެއް އެޅުމުގައި ފުރަތަމަ ކުރިމަތިކުރުވާނެ އެއް ސުވާލަކީ، މިއީ ކިހާ ފީސިބަލް ކަމެއްތޯ؟ ނުވަތަ މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އޮތީ ކޮން ފައިދާއެއްތޯ މި ސުވާލެވެ. 

ޝައްކެއްވެސް ނެތެވެ. ބްރިޖް އަޅަމުންދަނީ ވެރިކަންކުރާ ރަށް މާލެއާއި، ރާއްޖޭގެ އެންމެ ކާރޫބާރޫ ބޮޑު ވައިގެ ބަނދަރު އޮންނަ ހުޅުމާލެއާ ދެމެދެވެ. މިއީ މުޅި ޤައުމުގެ މައި އިޤްތިޞާދީ ޙަރަކާތްތައް ކުރިއަށްދާ ސަރަޙައްދުވެސްމެއެވެ.  ވީމާ، ޤައުމުގެ އެންމެ މުހިންމު ތިން މަންޒިލް، އެއްގަމު މަގުން ގުޅުވާލެވުމަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔަށް އިތުރު ކުރިއެރުން ގެނެސްދޭނެ ނާރެހަށް ވެގެންދާނެއެވެ. 

ދެން އޮތް ސުވާލަކީ، ފުން ކަނޑެއް ހުރަސްކޮށް، މިވަރުގެ ކަމެއް ކުރެވިދާނެތޯ އުފެދޭ ސުވާލު. ބްރިޖްގެ މަސައްކަތް ކުރަމުންދާ ޗައިނާގެ ސެކަންޑް ހާބަރ އިންޖިނިއަރިން އަކީ މިދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ. މިއަށްވުރެ ބޮޑެތި ކަނޑުތަކާއި، ކޯރުތައް ހުރަސްކޮށް ބްރިޖްއަޅާ މި ކުންފުނިން ވަނީ އެ ނަމޫނާ ދައްކުވައިދީފއެވެ. 

ބަޔަކާއި މަސައްކަތެއް ޙަވާލުކުރުމަށްފަހު، ދެން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާނީ އެ މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށި، މަޝްރޫޢު ނިމޭނެ ދުވަހަށެވެ. ބްރިޖް އެޅުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށްފަހު، މޯބަލައިޒޭޝަންގެ މަސައްކަތްތައް ހަލުވިކަމާއެކު މިހާރު ދަނީ ކުރަމުންނެވެ. ލޮނު ޒިޔާރަތް ކޮޅާއި، އުސް ފަސްގަނޑުގައި ލޭބަރ އެކޮމޮޑޭޝަން ހަދާ މިހާރު ވަނީ ނިމިފައެވެ. ދެން އޮތީ، ބްރިޖްގެ ތަނބުތައް މޫދުގެ އަޑީގައި ޖެހުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމެވެ. ހައުސިން މިނިސްޓްރީން މަޢުލޫމާތުދެއްވާ ގޮތުގައި، އެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. މި މަސައްކަތް ފެށުމަށްޓަކައި މިހާރު ވަނީ މާލެއާއި ހުޅެލެއާ ދެމެދު އޮތް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަޙައްދަށް ފީނުންވެސް މަނާކޮށްފައެވެ. ތަނބުތައް ލޮނުގަނޑު މައްޗަށް އަރަން ފަށާނެކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރުމަހު ކަމަށް ހައުސިން މިނިސްޓްރީން ލަފާކުރައްވައެވެ.  އެހެންކަމުން ލޮނުގަނޑުގެ މަތިން ބްރިޖްގެ ބައިތައް ފެންނަށް ފަށައި ހިސާބަކީ ބްރިޖްގެ ފޯރި އެންމެ ގަދަވާނެ ހިސާބު ކަމަށް ބެލެވެއެވެ. 

ގިނަ ދިވެހިންނަކީ ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް ކައިރިން ބަލަން ބޭނުންވާ ބައެކެވެ. މިކަން މާލެއާއި އަތޮޅުތަކުންވެސް ފާހަގަކުރެވެއެވެ. މިހާރުވެސް، ބްރިޖްގެ ކަންތައްތައް ބެލުމަށް ގިނަބަޔަކު ލޮނު ޒިޔާރަތްކޮޅު ސަރަޙައްދަށް ދާކަން ފާހަގަކުރެވެއެވެ. ސަބަބަކީ މިއީ މިފަދަ ބިޔަ މަޝްރޫޢެއް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަފަހަރު ކަމަށްވެފައި،  އެކަންކަން ކައިރިން ބަލާލުމަށް ގިނަބަޔަކު ޝައުޤުވެރިވުމެވެ.