ޚަބަރު

ރިޔާސީ އިންތިޚާބު: އިތުރު 2 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަނީ


  • އިތުރުވި 2 ރިސޯޓަކީ ފަރި ކެމްޕަސް މޯލްޑިވްސްއާއި އަމާރި ރާޔާ މޯލްޑިވްސް

  • ވޯޓުފޮށި ބަހައްޓާ ރިސޯޓުތަކުގެ ޢަދަދު 81 އަކަށް އިތުރުވެފައި

  • ރާއްޖެއާއި ރާއްޖޭން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކާ އިތުރު 2 ރަށެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރިސޯޓުތަކުގައި ވޯޓުލުމަށްޓަކާ ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން އެނގޭނެހެން އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ލިސްޓު ޢާއްމުކުރެއްވީ 9 ޖުލައި 2023 ގައެވެ.

ފުރަތަމަ ނެރުނު ލިސްޓުގައިވާގޮތުން 78 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިމަހުގެ 21 ވަނަ ދުވަހު މި ލިސްޓަށް އިތުރު ރިސޯޓެއް ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު މިވަނީ އަނެއްކާވެސް އިތުރު 2 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމާ، އެކަން އިޢުލާންކޮށްފައެވެ.

ލިސްޓަށް އެންމެފަހުން އިތުރުވި 2 ރިސޯޓަކީ ކ. ރަށްފަޅުހުރާގައި ހިންގާ ފަރި ކެމްޕަސް މޯލްޑިވްސްއާއި ރ. ކުޑަކުރަތުގައި ހިންގާ އަމާރި ރާޔާ މޯލްޑިވްސްއެވެ. މިއާއެކު ވޯޓުފޮށި ބަހައްޓާ ރިސޯޓުތަކުގެ ޢަދަދު މިހާރު މިވަނީ 81 އަކަށް އިތުރުވެފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެފައިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކާ ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީވެފައިވާނަމައެވެ. އެހެންކަމުން ރީ-ރަޖިސްޓްރޭޝަންގެ މަރުޙަލާ ނިމިގެންދާއިރު މި ޢަދަދުތަކަށް ބަދަލު އައުންވެސް އެކަށީގެންވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ.