ޚަބަރު

ޖޫންމަހު ޖެންޑަރ މިނިސްޓްރީއަށް 200 އަށްވުރެ ގިނަ މައްސަލަ، ގިނައީ އިހުމާލުވުމާއި ގެވެށި އަނިޔާ


  • ކުޑަކުދިންނަށް ކުރާ އެކި ބަވާތުގެ އަނިޔާއާގުޅޭ 104 މައްސަލައެއް ޖޫންމަހު ރިޕޯޓްކުރި

  • ކުޑަކުދިންނަށް އިހުމާލުވުމުގެ 33 މައްސަލައެއް

  • ގެވެށި އަނިޔާގެ 38 މައްސަލައެއް

  • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 39 މައްސަލައެއް

މިދިޔަ ޖޫންމަހު އެކަނިވެސް 200 އަށްވުރެ ގިނަ މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށާއި، އޭގެ ތެރޭގައި ގިނައީ އިހުމާލުވުމާއި ގެވެށި އަނިޔާގެ މައްސަލަތައްކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޖޫންމަހު ޖުމްލަ 228 މައްސަލައެއް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހު އެންމެ ގިނައިން އެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ކުޑަކުދިިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 104 މައްސަލައެއް ޖޫންމަހު ވަނީ ރިޕޯޓްކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 33 މައްސަލަ ވަނީ ޖޫން 2023 ގައި ހުށަހެޅިފައެވެ.

މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 25 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 7 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލަ، ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 2 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއިލް ކުރުން) 1 މައްސަލަ ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލައެއް ޖޫން މަހު ޖެންޑަރ މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި ޖިސްމާނީ އަނިޔާ ކުރުމުގެ 19 މައްސަލައެއް ހިމެނެއެވެ. އަދި ނަފްސާނީ އަނިޔާ ކުރުމާއި އަނގަ ބަހުން ކުރެވޭ އަނިޔާގެ 15 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލައެއްވެސް ހިމެނެއެވެ.

މިދިޔަ ޖޫންމަހު ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 39 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 14 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 12 މައްސަލަ، ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 8 މައްސަލަ އަދި ހަޟާނާތުގެ 5 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 17 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ. ހަމައެހެންމެ ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 7 މައްސަލައެއް ޖޫން މަހު ވަނީ ހުށަހެޅިފައެވެ.

ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 180 އެވެ. ޖޫން މަހުގައި ދައުލަތަށް އަލަށް 1 ކުއްޖަކު ނެގިފައިވެއެވެ. އަދި 1 ކުއްޖަކު ފޮސްޓަރކޮށް، 2 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ނުވަތަ ޙަވާލު ކުރެވިފައިވެއެވެ.