ޕެނަލްޓީގައި ދިއްދޫ ޓީނޭޖް ބޯއިސް ސްޕޯޓްސް ކުލަބު ބަލިކޮށް ދިއްދޫ ކަޕް ހަވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ޓީ ހޯދީ ހއ. ދިއްދޫގައި ރޭ ކުޅުނު މުބާރާތުގެ ފައިނަލުގައި ޓީނޭޖް ބޯއިސް އާއި ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ނަތީޖާ ހަމަހަމަވުމުގެ ސަބަބުން ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ރިއަލް ޓީ އެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުނާމް މުހައްމަދު ޒުބޭރެވެ. މި ލަނޑު ޖެހިތާ އަށް މިނެޓުފަހުން ޓީނޭޖް ބޯއިސްގެ ތަހުމީން ނޫހް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އޭގެފަހުން ދެން ފެނުނީ ޓީނޭޖް ބޯއިސް އިން ކައިރިކައިރީގައި ދެ ލަނޑު ޖަހާ ލީޑު ފުޅާކުރިތަނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ނަވާފް ލަނޑު ޖެހިއިރު އޭގެ ދެ މިނެޓުފަހުން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުންކިރީ އެވެ.
ފުރަތަމަ ހާފު މި ނަތީޖާގައި އޮތްއިރު ޓީނޭޖް ބޯއިސްއަށް މައްސަލަތައް ދިމާވާން ފެށީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ތަހުމީން ނޫހް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކި ހިސާބުންނެވެ. އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެން ޖެހުމުގެ ފައިދާ ރިއަލް ޓީ ޓީމުން ރަނގަޅަށް ނެގިއެވެ.
ފުލުފުލުގައި އުފެއްދި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ރިއަލް ޓީ އިން ދެވަނަަ ލަނޑު ޖެހިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދެވެ. އަދި ރިއަލް ޓީ ގެ ތިންވަނަ ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނައިޖީރިއާ ފޯވާޑް ބޯޑް ޕްރިންސް އެވެ.
ޕެނަލްޓީގައި ޓީނޭޖް ބޯއިސްގެ ދެ ޕެނަލްޓީ ނާކާމިޔާބުވިއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ އިތުރުން އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ބޯޑް ޕްރިންސް އެވެ. އޭނާ ޖުމްލަ 8 ލަނޑު ޖެހިއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓީނޭޖް ބޯއިސްގެ ކީޕަރު އަހުމަދު ޝާހިދެވެ. ޖުމްލަ 8 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ހުށައަޅާފައިވާއިރު، ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.