ކުޅިވަރު

ޔޫވީ އަތުން ބުރު ސްޕޯޓްސްއަށް މުހިންމު މޮޅެއް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ޔުނިައޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބުރު ސްޕޯޓްސް ކުލަބު މުހިންމު މޮޅެއް ހޯދައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފުގައު ޔޫވީއަށް އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު ބުރު ސްޕޯޓްސްއިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 22 ވަނަ މިނެޓުގައި އިބްރާހީމް އުސާމާ ނަގައިދިން ހުރަހެއްގައި މުޅިން ހުހަށްހުރެ މުޙައްމަދު ނާއިމް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި އޭރިއާ ބޭރުން ބުރު ސްޕޯޓްސްގެ އަލީ ހަމްދާން ފޮނުވާލި ހަމަލާ، ޔޫވީގެ ގޯލްކީޕަރު އަލީ ނާޖިހް ވަނީ ދިފާއިކޮށްފައެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ނާއިމް ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ނާޖިހް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ބުރު ސްޕޯޓްސްއިން ލީޑު ނެގީ މެޗުގެ 39 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިމެވެ. މިއީ ބަދަލަކަށް ކުޅެން ނުކުތް ޔޫވީގެ މުޙައްމަދު ފާރިސް، އޭރިއާ ތެރެއިން ނާއިމަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ބުރު ސްޕޯޓްސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން އަޙްމަދު ރަޝީދު (އަންމަޑޭ) ފޮނުވާލި ބޯޅަ ކީޕަރު ނާޖިހް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ 57 ވަނަ މިނެޓުގައި ނާއިމަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ 64 ވަނަ މިނެޓުގައި ބުރު ސްޕޯޓްސްގެ ޑިފެންޑަރު ހަސަން އިރުޝާދަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެކަމަކު މެޗުގެ 76 ވަނަ މިނެޓުގައި ބުރު ސްޕޯޓްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ޔޫވީ ޑިފެންޑަރު މޫސާ އަޒީމް ހަސަން ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ކާމިޔާބުކޮށްދިނީ ހަމްދާނެވެ.

ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދެވެ. އޭގެ ފަހުން ޔޫވީން ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ބުރު ސްޕޯޓްސްއިން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. އަބްދުﷲ ޖުނައިދުގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން ނުކުތް މުޙައްމަދު އަންވަރެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި ބުރު ސްޕޯޓްސް އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށްވެސް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި މެޗުން ބަލިވި ޔޫވީއަށް މިހާތަނަށް ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ.