ކުޅިވަރު

ޓީސީ އަތުން ސަސްއަށް އުނދަގޫ މޮޅެއް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ސަސްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސަސްއިން ރަނގަޅަށް ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ފެނިގެންދިޔައީ ޓީސީގެ ކުޅުމެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ސަސްގެ އައިހަމް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޓީސީގެ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސަސްއިންނެވެ. މެޗުގެ 34 ވަނަ މިނޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހުސާމެވެ. އޭގެ މިނެޓެއް ފަހުން ސަސްގެ އަޙްމަދު ހަމީދު (އަންމަޑޭ) ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އޭގެ ފަހުން މެޗުގެ 41 ވަނަ މިނެޓުގައި ސަސްގެ އަލީ ނަސޫހް ރަޝީދު (ޕިލާ) އަށް އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ހުސާމް ދިން ބޯޅައަކުން ނުސޫހް ވަނީ ލަނޑެއް ޖަހައި، ސަސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ސަސްގެ މުޙައްމަދު އަލާއު ފޮނުވާލި ހަމަލާ ޓީސީ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ޓީސީން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައެވެ. ޓީސީގެ އަހުނަފް މުޙައްމަދު ތަސްނީމް ފޮނުވާލި ހަމަލާއެއް ސަސްގެ ކީޕަރު އަބްދުލްﷲ ޒިމާމުގެ އަތުގައި ޖެހިފައި ނުކުތުމުން، އެ ބޯޅަ ގޯލަށް ވައްދާލީ ދެވަނަ ހާފުގައި ކުޅެން ނުކުތް ޒަޔާން ނަސީރެވެ.

ޓީސީގެ ލަނޑަށްފަހުވެސް ސަސްއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ކުރިން ޓީސީގެ އަރާޝް އައްސަދު މުޙައްމަދަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައިގައި ސަސް އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އަދި ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައި ހަ މެޗުން ހަތް ޕޮއިންޓާއެކުއެވެ.