އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި އިއްޔެ ހަވީރު ކުޅެން އޮތް މެޗަށް ހާޒިރުވި ނަމަވެސް, މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މެޗު ލިބުނު ކަމަށް ނިންމީ މެޗު ފަސްކުރަން އެދިފަވަނިކޮށް ކަމަށް ކުލަބު ވެލެންސިއާއިން ބުނެފިއެވެ.
ވެލެންސިއާގެ އޮފިޝަލް ފޭސްބުކް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ އެ ޓީމަކީ މުބާރާތުގެ މެޗެއް ދޫކޮށްލަން އެއްގޮތަކަށްވެސް ބޭނުންވާ ކުލަބެއް ނޫން ކަމަށާއި، އެއީ ވެލެންސިއާއިން ޤަބޫލުކުރާ ކުޅިވަރުގެ ހަމައެއްވެސް ނޫން ކަމަށެވެ. އަދި ކުލަބު ތާރީޚުގައި ވެލެންސިާއިން އެފަދަ އަމުލަތަކަށް ހިތްވަރުދީފައި ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ވެލެންސިއާގެ ބަޔާނުގައި އިއްޔެގެ ހާދިސާ ތަފުސީލުކޮށްދީފައިވާއިރު، އެ ޓީމުގެ ކުޅުންތެރިން މެޗު ކުޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ދަނޑަށް ހާޒިރުވެ ރިޕޯޓުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ވަގުތު މާލޭގައި ފެތުރެމުންދާ ރޯގާގެ ސަބަބުން ގިނަ ކުޅުންތެރިން ބަލިވެ އުޅޭތީވެ، ވެލެންސިއާއަށް މެޗު ކުޅުމަށް 11 ކުޅުންތެރިން ހަމަނުވީ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ފަރިތަކުރުމަށް ދަތިތަކެއް ދިމާވި ކަމަށްވެސް ވެލެންސިއާއިން ވަނީ ބުނެފައެވެ.
ވެލެންސިއާއިން ހާމަކުރި ގޮތުގައި ގިނަ ކުޅުންތެރިން ހުން އައިސް، ހޮޑުލައި އަދި ބަލިވެ އުޅޭތީވެ މެޗު ފަސްކޮށް ދިނުމަށް އެ ކުލަބުން އެދިފައިވާނެ ކަމަށެވެ.
އެފްއޭއެމުގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން ޖަވާޒް (ޖަވާ)، އެ އިދާރާގެ މިޑީއާ ގުރޫޕުގައި ހާމަކުރި ސްޓޭންޓްމަންޓެއްގައި އިއްޔެ ވިދާޅުވީ މެޗު ކުޅެން އޮތްގަޑިއަށް ވެލެންސިއާ ދަނޑަށް ހާޒިރުވި ކަމަށެވެ. އެހެންނަމަވެސް މިހާރު މާލޭގައި ފެތެރުމުންދާ ރޯގާ ޖެހި، އެ ޓީމުގެ ގިނަ ކުޅުންތެރިން ބަލިވެފަވާކަން އެންގީ މެޗު ފެށެން ކުޑަތަން ވެފައިވަނިކޮށް ކަމަށެވެ. އެހެންކަމުން ވަގުތު ކުޑަތަން ވެފައިވަނިކޮށް އެކަން އެންގުމުގެ ސަބަބުން މެޗު ކެންސަލްކޮށް، މާޒިޔާއަށް މެޗު ލިބުނީ ކަމަށް މުބާރާތުގެ ކޮމިޓީން ނިންމާފަވާ ކަމަށްވެސް ޖަވާ ވިދާޅުވިއެވެ. މިގޮތަށް ނިންމީ މުބާރާތުގެ ގަވާއިދަށްވެސް ބެލުމަށްފަހު ކަމަށް ޖަވާ ވަނީ ފާހަގަކުރައްވާފައެވެ.
މި މެޗުގެ ތިން ޕޮއިންޓާއެކު މާޒިޔާ އެއްވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް އީގަލްސްއަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ. އަދި ލީގު ތާވަލު ފުލުގައި ވެލެންސިއާ އޮތީ ހަ މެޗުން ޕޮއިންޓެއް ނުލިބިއެވެ.