އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކުލަބު އީގަލްސްއިން ކާމިޔާބުކޮށްފިއެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އީގަލްސްގެ ބްރެޒިލް ފޯވާޑް އިވާން ކާލޯސް އާއި އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ވަނީ، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ.
މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އީގަލްސްގެ ކެޕްޓަން އަޙްމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އޭގެ އިރުކޮޅެއް ފަހުން އެ ޓީމުގެ އިވާން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މެޗުގައި އީގަލްސްއިން ލީޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިވާންއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އިސްމާޢީލް އީސަ (މެސީ) ވަނީ އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ.
އޭގެ ފަހުން މި މެޗުގެ 29 ވަނަ މިނިޓުގައި ރިޒޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއެއް، ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އަބްދުﷲ ރުވައިދު ވަނީ ގޯލް ރޮނގު މަތިން ދިފާއުކޮއްފައެވެ. ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި ފޭދޫ އިއްބެ ވަނީ އީގަލްސްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
އަދި މެޗުގެ 41 ވަނަ މިނެޓުގައި ރިޒޭ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ރިޒޭ ވަނީ އީގަލްސްގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި އީގްލްސްގެ ފަސްވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮއްދިނީ އިވާންއެވެ. އަދި އޭގެ ތިން މިނެޓު ފަހުން އީގަލްސްގެ ހަވަނަ ލަނޑު ޖަހައިދިނީ ފޭދޫ އިއްބެއެވެ.
މި މެޗުގައި ގްރީން ސްޓްރީޓްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ އިތުރު ވަގުތު ތެރޭގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހީމް ހާމިދެވެ.
މި މޮޅާއެކު ތާވަލުގެ ދެވަނައިގައި އީގަލްސް އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ހަ މެޗުން 18 ޕޮއިންޓް ލިބިފައެވެ. އަދި ގްރީން ސްޓްރީޓްސް އޮޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަ މެޗުން ތިން ޕޮއިންޓާއެކުއެވެ.