ޚަބަރު

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ޕީއެސްއެމްގެ 6 މުވައްޒަފަކަށް


  • މިއީ 2021 ވަނަ އަހަރު ދެއްވަން ފެށްޓެވި އިނާމެއް

  • އިނާމުގެ ގޮތުގައި އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެއް

  • މިހާތަނަށް 457 ބޭފުޅަކަށް މި އިނާމު ސަރުކާރުން ދެއްވާފައިވޭ

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ޝަރަފުގެ ބެޖާއި އައްޑަނަ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ 6 މުވައްޒަފަކަށް ލިބިވަޑައިގެންފިއެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ދެއްވި ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވީ އެކަމަށްޓަކާ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.

މި އިނާމު ލިބިވަޑައިގެން ޕީ.އެސް.އެމްގެ މުވައްޒަފުންނަކީ:

• ހ. ފެވަރިޓްވިލާ މުޙައްމަދު ރަމީޒް / ސީނިއަރ އެގްޒެކެޓިވް ޕްރޮޑިއުސަރ، ޕަބްލިކް ސަރވިސް މީޑިއާ

މުޙައްމަދު ރަމީޒް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 7 އެޕްރީލް 1987 ގައެވެ. މިވޭތުވެދިޔަ 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ރަމީޒް ޚިދުމަތް ކުރައްވައިފައި ވަނީ، ދިވެހިރާއްޖޭގެ އަޑުގައި، ފަހުން ޕަބްލިކް ސަރވިސް މީޑިއާގައެވެ. މުޙައްމަދު ރަމީޒް ފުރަތަމަ އަދާކުރެއްވީ، ދިވެހިރާއްޖޭގެ އަޑުގެ އެސިސްޓެންޓް ކޮންސްޓްރަކްޝަން އޮފިސަރު ކަމެވެ.

މުޙައްމަދު ރަމީޒަކީ، ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ ޕްރޮޑިއުސަރ ކަމާއި، އެގްޒެކެޓިވް ޕްރޮޑިއުސަރކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ރަމީޒް މައިގަނޑު ގޮތެއްގައި ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރޭޑިއޯ ޕުރޮގުރާމުތައް އުފެއްދެވުމާއި، ޕުރޮގުރާމުތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތުގެ އިރުޝާދު ޕްރޮޑިއުސަރުންނަށް ދެއްވުން ހިމެނެއެވެ. އަދި އެކި ޕުރޮގުރާމުތަކާ ގުޅޭގޮތުން ޕްރޮޑިއުސަރުން ހުށަހަޅާ ހުށަހެޅުންތައް ފާސްކުރައްވައި، ޕުރޮގުރާމުތައް އުފެއްދުމުގެ މަސައްކަތްވެސް ބަލަހައްޓަވަމުން ގެންދަވައެވެ.

މިއަދު މުޙައްމަދު ރަމީޒުގެ އަޑަކީ، ދިވެހިރާއްޖޭގެ އަޑުން އެންމެ ގިނައިން އިވޭ އަޑުތަކުގެ ތެރެއިން އެއް އަޑެވެ. ޚާއްޞަކޮށް، "ބާއްޖަވެރި ހެނދުނު"ގެ ޕުރޮގުރާމަކީ، މިހާރުވެސް އާންމުންގެ މަޤްބޫލުކަން އެއް ފެންވަރެއްގައި ހިފެހެއްޓިފައިވާ ޕުރޮގުރާމަކަށްވާއިރު، އެ ޕުރޮގުރާމަށް މިއަދު ގެނެސްފައިވާ މައިގަނޑު ބަދަލުތަކާއެކު ލީޑް ޕްރެޒެންޓަރެއްގެ ހައިސިއްޔަތުން ރަމީޒް އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކޮށްލަންޖެހެއެވެ.

• މ. ޙުސައިންއާބާދު ޙުސައިން ރަޝީދު / މެނޭޖަރ، ސައުންޑް އިންޖިނިއަރިންގ، ޕަބްލިކް ސަރވިސް މީޑިއާ

ޙުސައިން ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 ޖުލައި 1987 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނީޝަން (ޓްރޭނީ) އެއްގެ ވަޒީފާއެވެ. މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖަރ، ސައުންޑް އިންޖިނިއަރިންގގެ މަގާމުގައެވެ. ޚިދުމަތުގައި މި ހޭދަކުރެއްވި 35 އަހަރު ދުވަހުގެ ތެރޭގައި، ޙުސައިން ރަޝީދު ޚިދުމަތް ކުރައްވައިފައި ވަނީ، މި ދާއިރާގައެވެ.

ޙުސައިން ރަޝީދު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނިކަލް އެސިސްޓެންޓް ކަމާއި، މެއިންޓެނަންސް ޓެކްނީޝަން ކަމާއި، އެސިސްޓެންޓް މެނޭޖަރ، ސައުންޑް އިންޖިނިއަރިންގގެ މަގާމު ހިމެނެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޙުސައިން ރަޝީދު ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުން ބޭއްވެވި އެކިއެކި ބައްދަލުވުންތަކުގެ ސައުންޑް ހައްދަވައިދެއްވައި، ޚާއްޞަކޮށް، އަތޮޅުވެރިންގެ ބައްދަލުވުންތައް ބޭއްވުމަށްޓަކައި ހަދަންޖެހުނު ހުރިހާ ސައުންޑެއް ހެދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މިނިވަން 25 އާއި، ޖުމްހޫރީ 30 ފާހަގަކުރެއްވުމަށް ސަރުކާރުން ހިންގެވި ކަންކަމުގައި، ޢަމަލީގޮތުން ޙުސައިން ރަޝީދު ބައިވެރިވެވަޑައިގެން، ރާއްޖޭގެ އަތޮޅުތަކުގައްޔާއި، މާލޭގައި ހިންގި އެކިއެކި ހަރަކާތްތަކުގައި، އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ހިންގެވި ހަފުތާ ނިންމުމުގެ ހަރަކާތްތަކުގައްޔާއި، ޢީދު ޝޯތައް ބޭއްވެވުމުގެ މަސައްކަތްތަކުގައިވެސް ޙުސައިން ރަޝީދު އުޅުއްވައިފައި ވެއެވެ. ޙުސައިން ރަޝީދަކީ ދިވެހިރާއްޖޭގެ އަޑުގެ އެކި ޕުރޮގުރާމުތަކާއި ޑްރާމާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ.

ޙުސައިން ރަޝީދަކީ، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އަލްމަރްޙޫމް މުޙައްމަދު ރަޝާދުގެ ދަރިކަލެކެވެ.

• މއ. ދޫގަސް މުޙައްމަދު ޝަރީފް / މެނޭޖަރ، ޓްރާންސްމިޝަން މެއިންޓެނަންސް، ޕަބްލިކް ސަރވިސް މީޑިއާ

މުޙައްމަދު ޝަރީފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 4 އޮކްޓޫބަރު 1987ގައި، ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނީޝަން އެސިސްޓެންޓް ކަމާއި، މެއިންޓެނަންސް ޓެކްނީޝަން ކަމާއި، ބްރޯޑްކާސްޓިންގ ޓެކްނީޝަން ކަމާއި، ސީނިއަރ ޓެކްނީޝަންކަން ކުރެއްވިއެވެ. އަދި އެސިސްޓެންޓް މެނޭޖަރ، އިންޖިނިއަރިންގގެ މަގާމުވެސް އަދާކުރެއްވިއެވެ. މުޙައްމަދު ޝަރީފް މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖަރ، ޓްރާންސްމިޝަން މެއިންޓެނަންސްގެ މަގާމުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ޝަރީފް ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރިޕެއަރ ޔުނިޓުން ބަލަހައްޓަމުން ގެންދާ އެކިއެކި ޓޫލްސްތަކުގެ އިންވެންޓްރީ ބެލެހެއްޓެވުމާއި، މާލެއާއި، ތިލަފުށްޓާއި، އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ޓްރާންސްމީޓަރތަކާއި، އެއާ ގުޅުންހުރި ހުރިހާ އިކުއިޕްމަންޓްތަކާއި، އެންޓަނާ ސިސްޓަމްތައް މަރާމާތުކޮށް ބެލެހެއްޓެވުން ހިމެނެއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑުގެ އެކި ސްޓޫޑިއޯތަކުގައި މަސައްކަތް ކުރައްވައި، ކުންފުނީގެ ހުރިހާ އިކުއިޕްމަންޓްތަކުގެ ތެރެއިން ގަވާއިދުން ބަލަހައްޓައި، ސަރވިސް ކުރަންޖެހޭ އިކުއިޕްމަންޓްތަކަކީ ކޮބައިތޯ ބައްލަވައި، އަހަރުގެ ތެރޭގައި ސަރވިސް ކުރުމަށް ވަކި ތާވަލެއް ހައްދަވައިގެން، އެ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިން އިކުއިޕްމަންޓްތައް ބެލެހެއްޓެވުމުގެ މަސައްކަތްތައް ކުރައްވައިފައި ވެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ އޮޕްޓިކަލް ފައިބަރއާއި، އެއާ ގުޅޭ އިކުއިޕްމަންޓްސްތައް ބެލެހެއްޓެވުމާއި، ޕުރޮގުރާމުތައް ވަގުތުން ގެނެސްދިނުމަށްޓަކައި މާލޭގެ އެކި ސަރަޙައްދުތަކުގައި އަޅައިފައިވާ އަންޑަރ ގްރައުންޑް ކޭބަލް ނެޓްވަރކް ސަރވިސްކޮށް ބެލެހެއްޓެވުމަކީވެސް މުޙައްމަދު ޝަރީފްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ.

• ހ. ހީނާގަސްދޮށުގެ ޢާއިޝަތު ނާޞިޙާ / މެނޭޖަރ، އެގްޒެކެޓިވް ބިއުރޯ، ޕަބްލިކް ސަރވިސް މީޑިއާ

ޢާއިޝަތު ނާޞިޙާ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ އަޑުގެ ދެނަންބަރު ކާތިބާ ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އަޑުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް މެނޭޖަރުގެ މަގާމު އަދާކުރެއްވިއެވެ.

ޢާއިޝަތު ނާޞިޙާ، ދިވެހިރާއްޖޭގެ އަޑުގައި ފުރަތަމަ ކުރެއްވީ، އިދާރީ މަސައްކަތްތަކެވެ. އޭގެއިތުރުން، ދިވެހިރާއްޖޭގެ އަޑުން ކޮންމެ އަހަރަކު ޢީދު ކުޅިވަރު ބޭއްވުމަށްޓަކައި ކުރަންޖެހުނު މަސައްކަތްތަކުގައި ނާޞިޙާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ފަންނާނުންގެ ޝޯ ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރަންޖެހުނު މަސައްކަތްތަކުގައިވެސް ނާޞިޙާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ނާޞިޙާއަކީ، ދިވެހިރާއްޖޭގެ އަޑުން ބާއްވަވަމުން ގެންދެވި ޤުރްއާން މުބާރާތްތަކުގައްޔާއި، ލަވަ މުބާރާތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ރެކޯޑުތައް ބަލަހައްޓަވައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ނާޞިޙާ ފޯރުކޮށްދެއްވިއެވެ.

ޢާއިޝަތު ނާޞިޙާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޕަބްލިކް ސަރވިސް މީޑިއާގެ އެގްޒެކެޓިވް ބިއުރޯގައެވެ. އެ ބިއުރޯގެ އިދާރީ މަސައްކަތްތައް ހިންގުމުގައި އެހީތެރިވެދެއްވައި، އިސްވެރިންގެ އެޕޮއިންޓްމަންޓްތަކާ ބެހޭ ކަންތައްތައް ބަލަހައްޓަވައި ދެއްވައި، ޕީ.އެސް.އެމް.ގެ އިސް މެނޭޖްމަންޓްގެ ބައްދަލުވުންތައް އިންތިޒާމުކޮށްދެއްވަމުން ގެންދަވައެވެ. އަދި އެގްޒެކެޓިވް ބިއުރޯގައި، ނާޞިޙާގެ ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންނަށް މަސައްކަތުގައި އެހީތެރިވެދެއްވައި، ބިއުރޯއަށް ލިބޭ އެކިއެކި ލިޔުންތަކާބެހޭ އެންމެހައި ކަންކަން ނާޞިޙާ ބަލަހައްޓަވަމުން ގެންދަވައެވެ.

ޢާއިޝަތު ނާޞިޙާ، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

• މ. އެވަރބްލޫ އިބްރާހީމް އިޤްބާލް / ޑިރެކްޓަރ، ޕީ.އެސް.އެމް ކަނެކްޓް އެންޑް ޑިޖިޓަލް ބްރޯޑްކާސްޓް ނެޓްވަރކް އޮޕަރޭޝަންސް، ޕަބްލިކް ސަރވިސް މީޑިއާ

އިބްރާހީމް އިޤްބާލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 ޖަނަވަރީ 1988 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޓެލެވިޜަން މޯލްޑިވްސްގެ ޓެކްނީޝަން (ޓްރޭނީ) އެއްގެ ވަޒީފާއެވެ. އޭގެފަހުން، އެސިސްޓެންޓް ޓެކްނީޝަން ކަމާއި، ޕްރޮޑަކްޝަން ޓެކްނީޝަން ކަމާއި، ސީނިއަރ ޕްރޮޑަކްޝަން ޓެކްނީޝަންކަން ކުރައްވައިފައި ވެއެވެ. އަދި ޓީ.ވީ. މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، މެނޭޖަރ ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

އޭރު މައިގަނޑު ގޮތެއްގައި ކުރެއްވީ، ޓީ.ވީ. މޯލްޑިވްސްއިން އުފައްދާ އެކިއެކި އުފެއްދުންތަކާ ގުޅޭ ޓެކްނިކަލް މަސައްކަތްތަކެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ، ޑިރެކްޓަރ، ޕީ.އެސް.އެމް. ކަނެކްޓް އެންޑް ޑިޖިޓަލް ބްރޯޑްކާސްޓް ނެޓްވަރކް އޮޕަރޭޝަންސްގެ މަގާމެވެ.

އިބްރާހީމް އިޤްބާލަކީ، ޕަބްލިކް ސަރވިސް މީޑިއާގެ އެޑިޓޯރިއަލް ޕޮލިސީއާއި، އާންމު މުޖުތަމަޢުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުންފުނީގެ ޗެނަލްތަކުން ފޮނުވާ ޕުރޮގުރާމުތައް، އުސޫލުތަކާ އެއްގޮތަށް ފޮނުވުމުގައި އެހީތެރިވެދެއްވައި، ރާއްޖޭގެ ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، ކަމާ ގުޅުންހުރި ދާއިރާތަކުން ރާވައި ހިންގާ ދީނީ ދަރުސްތަކާއި ފޯރަމްތައް، ކުންފުނީގެ ރޭޑިއޯ އަދި ޓީ.ވީ. ޗެނަލްތަކުން ވަގުތުން ނުވަތަ ރެކޯޑުކޮށްގެން ދެއްކުމުގެ އިންތިޒާމުތައް، ކަމާގުޅޭ އެންމެހައި ޑިޕާޓްމަންޓްތަކާ ގުޅިގެން ހަމަޖެއްސެވުމުގެ މަސައްކަތްވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

އިބްރާހީމް އިޤްބާލް މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކުންފުނީގެ ޗެނަލްތަކުގެ ދުވަހުގެ ޝެޑިއުލްގައި ނުހިމެނޭ، ކުންފުންޏަށް މާލީ މަންފާ ލިބިދޭ ކަންކަމާއި، ކުންފުނީގެ ސީ.އެސް.އާރު.ގެ ދަށުން ކޮށްދޭންޖެހޭ ކަންކަމާއި، ސަރުކާރުގެ އިދާރާތަކަށް ކޮށްދެއްވަންޖެހޭ ޓެލެވިޜަން އަދި ރޭޑިއޯ ޕްރޮޑަކްޝަނާ ގުޅޭ އެންމެހައި ކަންކަން، ސޭލްސް އެންޑް މާކެޓިންގއާއި، ޕްރޮޑަކްޝަން ޓީމުތަކާ ގުޅިގެން ކުރެއްވުން ހިމެނެއެވެ.

• މ. ލައިޓްސިގްނަލް މޫސާ ޒަކަރިއްޔާ / މެނޭޖަރ، ޓްރާންސްމިޝަން މެއިންޓެނަންސް، ޕަބްލިކް ސަރވިސް މީޑިއާ

މޫސާ ޒަކަރިއްޔާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 އޮގަސްޓު 1987 ގައެވެ. މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގައި ޚިދުމަތް ކުރައްވައިފައި ވަނީ، ޓެލެވިޜަން މޯލްޑިވްސްގައެވެ. ފުރަތަމަ އަދާކުރެއްވީ، ޓެކްނީޝަން ޓްރޭނީއެއްގެ މަގާމެވެ.

އޭގެފަހުން އެސިސްޓެންޓް ޓެކްނީޝަން ގްރޭޑް 1 ކަމާއި، ޕްރޮޑަކްޝަން ޓެކްނީޝަން ގްރޭޑް 1 ކަމާއި، ޕްރޮޑަކްޝަން ޓެކްނީޝަން ގްރޭޑް 2 ކަމާއި، މެއިންޓެނަންސް ޓެކްނީޝަން ގްރޭޑް 2 ކަމާއި، މެއިންޓެނަންސް ޓެކްނީޝަން ގްރޭޑް 3 ކަމާއި، ސީނިއަރ މެއިންޓެނަންސް ޓެކްނީޝަން ގްރޭޑް 1 ކަމާއި، ސީނިއަރ މެއިންޓެނަންސް ޓެކްނީޝަން ގްރޭޑް 3 ކަމާއި، ސީނިއަރ މެއިންޓެނަންސް ޓެކްނީޝަން ގްރޭޑް 4 ގެ މަގާމު ފުރުއްވައިފައި ވެއެވެ. އޭގެފަހުން އެސިސްޓެންޓް މެނޭޖަރ، ޓްރާންސްމިޝަން އެންޑް ރިޕެއަރ ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

މޫސާ ޒަކަރިއްޔާ، ޓީ.ވީ. މޯލްޑިވްސްގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކޮންޓްރޯލް ރޫމާއި، ސްޓޫޑިއޯތަކުގެ ވީޑިއޯއާއި އޯޑިއޯ އަދި ކަރަންޓް ވަޔަރިންގ ޗެކްކުރައްވައި ބެލެހެއްޓެވުމާއި، ޓީ.ވީ.ގެ އޮންއެއަރގައި ޖެހޭ މައްސަލަތައް ޙައްލުކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ޓީ.ވީ.އެމް.ޕްލަސްގެ ނަމުގައި ޓީ.ވީ. މޯލްޑިވްސް އިން ހިންގެވި ޗެނަލް، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގޭގޭގައި ބެހެއްޓި ޑީކޯޑަރުތައް ބެހެއްޓުމުގެ މަސައްކަތްވެސް މޫސާ ޒަކަރިއްޔާ ކުރައްވައިފައި ވެއެވެ.

ޓީ.ވީ. މޯލްޑިވްސްގެ އެކިއެކި އިކުއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރެއްވުމާއި، ރާއްޖޭގެ އަތޮޅުތަކުގައި ހުންނަ ޓްރާންސްމިޝަންތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރެއްވުމަށްޓަކައި އެ ރަށްރަށަށް ވަޑައިގެން، އެ ކަމެއް ޙައްލުކުރައްވަމުން ގެންދަވައިފައި ވެއެވެ. އަދި ސްޓޭޝަންގައި ހުރި ކޮންމެ އިކުއިޕްމަންޓެއް ސަރވިސް ލޮގް ކުރެއްވުމާއި، ސަރވިސް ކުރެއްވުންވެސް މޫސާ ޒަކަރިއްޔާ އަދާކުރައްވާ ވަޒީފާގެ ޒިންމާގެ ތެރޭގައި ހިމެނެއެވެ.