ކުޅިވަރު

ޓީ20 ޕްރިމިއަރ ލީގު: ހުރިހާ މެޗަކުން މޮޅުވެ ލީގު ޗެމްޕިއަންކަން މިލާނަށް


މައިލޯ މޯލްޑިވްސް ޓީ20 ޕްރިމިއަރ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ލީގު ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީން ހޯދައިފިއެވެ.

މި ފަހަރުގެ މުބާރާތުގައި ފަސް ޓީމެއް ވާދަކުރިއިރު، ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މިލާން ވަނީ މޮޅުވެފައެވެ. އެއާއެކު އެ ޓީމަށް ވަނީ 12 ޕޮއިންޓް ލިބިފައެވެ.

މުބާރާތުގެ ފަހު މެޗުގައި އިއްޔެ މިލާނުން ވަނީ އޮއްފު އެފްސީ އަތުން 115 ލަނޑުން މޮޅުވެފައެވެ. މި މެޗުގެ ގުރުދިމާވުމުން މިލާން އެންމެ ފުރަތަމަ ކުޅެން އަރައި 16 އޯވަރު ނިމުނުތަނާ ވާރޭވެހެން ފެށުމުން އަމްޕަޔަރުން ނިންމީ އިނިންގްސް ނިންމާލުމަށެވެ. 16 އޯވަރު ނިމުނުއިރު މިލާނުން ވަނީ 144 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 50 ލަނޑު ހެދި އިބްރާހީމް ނަޝާތު އާއި ނުބައިނުވެ 36 ލަނޑު ހެދި މުޙައްމަދު އައްޒާމެވެ.

ޖަވާބުގައި އޮއްފު އެފްސީ ކުޅެން އެރިއިރު، 11 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދިފައިވަނީ 49 ލަނޑެވެ. އޮއްފު އެފްސީން އެންމެ ރަނގަޅަށް ކުޅުނީ 16 ލަނޑު ހެދި މުޙައްމަދު ފަޔާޒާއި 14 ލަނޑު އެއްކުރި މުޙައްމަދު ކަނާނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލާނުގެ އިބްރާހިމް ނަޝާތެވެ.

ފައިނަލް މެޗު ނިމުމުން އިނާމުތައް ދެއްވީ ޤައުމީ ކްރިކެޓް ޓީމުގެ ކޯޗު ޕަސިންދު އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސް މުޙައްމަދު ފައިސަލެވެ. މުބާރާތުގެ އެންމެ މޮޅު ހޮވުންތެރިޔަކީ މިލާނުގެ މުޙައްމަދު އައްޒާމެވެ.

އެންމެ މޮޅު އުކުންތެރިޔާގެ މަޤާމު މިލާނުގެ އަޙްމަދު އަމީލް މައުރޫފް ހޯދިއިރު، މުބަރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކުލަބުގެ މުޙައްމަދު ރިޝްވާނެވެ. މިގެ އިތުރުން މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ވެޓެރަންސްގެ ތަރޫޝާއެވެ.

މި މެޗާއެކު ޓީ20 ޕްރިމިއަރ ލީގުގެ ކުޅުން ނިމުނުއިރު، މިއަދު ޕްރެޒިޑެންޓްސް ކަޕުގެ ކުޅުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.