ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަހަރުގެ މިނިވަންދުވަހުގެ ފުޅަނދުބުރު ބައްލަވައިލައްވައިފި


  • މި ފުޅަނދުބުރުގެ ހަރަކާތްތައް ސަރުކާރުގެ ވަޒީރުންވެސް ވަނީ ބައްލަވާލައްވާފައި

  • މިއަހަރު 8 ތަނަކުން 15 ފުޅަނދެއްވަނީ ދައްކާލާފައި

  • މިއަހރުގެ ފުޅަނދުބުރުގައި ގިނައީ ކުޑަކުދިން ޝައުގުވެރިވާ ކެރެކްޓަރތައް

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ފުޅަނދުބުރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުޅަނދު ބުރު ބައްލަވާލެއްވީ ޢިއްޒުއްދީން ފާލަން ކުރިމަތިންނެވެ.

ފުޅަނދުބުރު ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. ފުޅަނދު ބުރު ބަލާލުމަށް ގިނަ ޢަދަދެއްގެ ޢާންމުން ވެސް މާލޭގެ ބޮޑެތި މަގުތަކަށް ނުކުމެފައިވެއެވެ.

މިއަހަރުގެ ފުޅަނދުބުރު ފަށާފައިވަނީ މާލެ ރަސްފަނު ސަރަހައްދުންނެވެ. ފުޅަނދުތައް ދައްކާލުމަށް މާލޭގެ ބޮޑެތި މަގުތަކެއްގައި ވަނީ ފުޅަނދުބުރުގެ ހަރަކާތް ކުރިއަށްގެންގޮސްފައެވެ.

މިފުޅަނދުތައް ބަލާލުމަށް ގިނަ އަދަދެއްގެ މީހުން މާލެގެ މަގުތަކަށް ޖަމާވެފައިވާއިރު، މިއަހަރުގެ ފުޅަންދުތައް ތައްޔާރުކޮށްފައިހުރީ ކުޑަކުދިން ޝައުގުވެރިވާ ކެރެކްޓަރ ތަކުގެ މައްޗަށެވެ. އެގޮތުން ބަންބަލް ބީ އާ ސްޕައިޑަރ މޭން އާ ފޯޓް ނައިޓްގެ އިތުރުން ޓްރާންސްފޯމާ ފަދަ ކެރެކްޓަރ ތައް މިއަހަރުގެ ފުޅަނދުބުރުން ފެނިގެން ދިޔައެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ތިންއަހަރުގެ މެދުކެނޑުމަކަށްފަހު މިނިވަން ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކުރަމުން މާލޭގައި ދިރިއުޅޭ ގިނައަދަދެއްގެ ރައްޔިތުން މި ކުޅިވަރުތައް ބަލާލުމަށް ދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރާ ގުޅިގެން އަތޮޅު ތެރެއިންވެސް ގިނަ ބަޔަކު މިނިވަންދުވަހުގެ ކުޅިވަރުތައް ބަލާލުމަށް މާލެ އަންނަކަން ފާހަގަކުރެވެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމުކޮށްގެން ބޭއްވި މި ފުޅަނދުބުރުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 8 އިދާރާއަކުން ޖުމްލަ 15 ފުޅަނދު ބައިވެރިކޮށްފައިވެއެވެ.

މިއަހަރު ފުޅަނދުތައް ދައްކާލާފައިވަނީ އާބަންކޯ، ސްޓެލްކޯ، އެމް.ޕީ.އެލް، އެމް.ޑަބްލިއު.އެސް.ސީ، ވެމްކޯ، އެމް.އޭ.ސީ.އެލްގެ އިތުރުން އެސްޓީއޯ އާ އެމް.އެން.ޑީ.އެފް އިންނެވެ.

މިއަހަރު ފުޅަނދުބުރުތައް ދަތުރުކޮށްފައިވަނީ ރަސްފަންނުން މަޖީދީމަގަމަށް އެއަށްފަހު ސޯސަންމަގުން އޯކިޑުމަގުން ހުޅަނގަށް ގޮސް ބޮޑުތަކުރުފާނުން ރަސްމީ ފާލަން ހިމެނޭ ސަރަހައްދަށް މަޑުކޮށް ސަރުކާރުގެ އިއްޒަތްތެރިންނަށް ދައްކާލުމަށްފަހު ނިންމާލީ މޯލްޑިވްސް ޗައިނާ ފްރެންޑްޝިްޕް ބްރިޖާ ހަމައިންނެވެ. މިނިވަންދުވަސް ފާހަގަ ކުރުމަށް ބާއްވާ މި ފުޅަނދުތައް ހުޅުމާލެ ސެންޓްރަލް ޕާކްގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.