ޚަބަރު

ބަރާބަރަށް ނުހިންގާ 1989 ޖަމްޢިއްޔާއެއް އުވާލަނީ


  • - އުވާލަނީ ލިޔެކިޔުންތައް ފުރިހަމަ ނުވާ ޖަމިއްޔާތައް

  • - ލިޔެކިޔުންތައް ފުރުހަމަކުރުމަށް އަނެއްކާވެސް ފުރުސަތެއް ވަނީ ދެއްވާފައި

ލިޔެކިޔުންތައް ފުރިހަމަނުވާ މަދަނީ ޖަމްޢިއްޔާތައް އުވާލަން ނިންމާ އެ ޖަމްޢިއްޔާތަކުގެ ލިސްޓް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއްމުކުރައްވައިފިއެވެ.

އެމިނިސްޓްރީން އާއްމުކުރެއްވި ލިސްޓުގައިވާ ގޮތުން 1989 ޖަމްޢިއްޔާއެއް އުވާލަން ވަނީ ނިންމަވާފައެވެ. މީގެތެރޭގައި ހިމެނެނީ ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމްޢިއްޔާތައްކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ ބަރާބަރަށް ހިންގަމުން ނާންނަ މި ޖަމްޢިއްޔާތަކުގެ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް މީގެ ކުރިންވެސް ފުރުސަތު ދެއްވާފައިވާކަމަށެވެ.

1989 ޖަމްޢިއްޔާއެއް އުވާލަން ނިންމާ އެޖަމްޢިއްޔާތަކުގެ ލިސްޓު އާއްމުކުރެއްވިނަމަވެސް ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޔޫތް މިނިސްޓްރީން ވަނީ އިތުރު ފުރުސަތެއް ދެއްވާފައެވެ. އަންނަ ސެޕްޓެމްބަރުމަހުގެ 24 ވަނަދުވަހުގެ 14:00ގެ ކުރިން ލިޔެކިޔުންތައް ފުރިހަމަކޮށް ފޮނުއްވުމުގެ ފުރުސަތު ޖަމްޢިއްޔާތަކަށް އޮތްކަން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ތާރީޚަށް ލިޔުތައް ހުށަނާޅާ ޖަމްޢިއްޔާތަކުގެ ނަން ޖަމްޢިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވީ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިތުރު ފުރުސަތެއް ދޭން ނިންމެވީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާތަކަކީ އެޖަމްޢިއްޔާއެއް ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި މުޅި ޤައުމަށް ނުހަނު ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރަމުންގެންދާ ފަރާތްތަކެއްކަމަށްވާތީކަމަށެވެ.