ޚަބަރު

ފެންފުށީ ބަނދަރު ނިމެނީ، މިއީ ތަރައްޤީއަށް ހުޅުވޭ ދޮރެއް


  • ފެންފުށީ ބަނދަރު ހެދުމަކީ ސަރުކާރަކުން އެރަށަށް ކޮށްދެއްވި އެންމެ މުހިންމު އެއް ކަންތައް

  • މިމަޝްރޫޢުގެ މަސައްކަތުގެ %90 މަސައްކަތްވަނީ ނިމިފައި

  • މިއީ 39 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެއް

  • ބަނދަރާއެކު ރަށުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ރައްޔިތުން ދެކޭ

އދ.ފެންފުށީ ރައްޔިތުންނަށް މިހާތަނަށް ކުރިމަތިވެފައި އޮތް އެންމެބޮޑު ދައްޗަކީ ރަށުގައި އެކަށީގެންވާ ބަނދަރެއް ނެތުމުގެ މައްސަލައެވެ. ރަށަކީ ޤުދުރަތީގޮތުން ހިތްގައިމު ރީތި ރަށެއް ނަމަވެސް ރަށު ފަތުރުވެރިކަމާއި އެނޫންވެސް އިޤްތިޞާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބަނދަރުގެ ދަތިކަމަކީ ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. މިމައްސަލަ މިހާރުވަނީ ގާތްގަނޑަކަށް ޙައްލުވެފައެވެ.

އަރިއަތޮޅު ދެކުނުބުރީ ފެންފުށީގެ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތާއި ބަނދަރުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ހިސާބުގައެވެ. މީގެތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ ބަނދަރުގެ މަސައްކަތެވެ. އެމަސައްކަތް ފެށިފަހުންވެސް ރައްޔިތުން ބޭނުންވާ ގިނަ ބަދަލުތައް ސަރުކާރުންވަނީ ގެނެސްދެއްވާފައެވެ. ފެންފުށީ ކައުންސިލްގެ ރައީސް އަޙްމަދު ޢަބްދުއްޝަކޫރު ވަނީ މިކަން ފާހަގަކުރައްވައި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ފެންފުށީ ބަނދަރު ހެދުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެއްވީ 2021ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން 3.5 މީޓަރުގެ ފުންމިނަށް ބަނދަރު ފުންކުރުމާއި، 4.0 މީޓަރުގެ ފުންމިނަށް ނެރު ފުންކުރުމާއި، 492 މީޓަރު އެއްގަމު ތޮށި ހެދުމާއި، 99 މޫރިންގ ރިންގްސް ހަރުކުރުމާއި، 199 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި 128 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 2 ނެރުބައްތި ޖެހުމާއި، 12 މޫރިންގ ބޮއި ހަރުކުރުން ހިމެނެއެވެ. އަދި ރޭމްޕް ހެދުމާއި، 25 ބަނދަރު ބައްތި ޖެހުމުގެ އިތުރުން 2370 އަކަމީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ. މިއީ 39 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިމަޝްރޫޢުގެ މަސައްކަތުގެ %90 އިންސައްތައާ ގާތްކުރާ މިންވަރަށް މިހާރުވަނީ ނިމިފައިކަމަށް މަސައްކަތްކުރާ ފަރާތާ ޙަވާލާދީ ރަށުކައުންސިލުން ވިދާޅުވެއެވެ.

މިސަރުކާރު ވެރިކަމާ ޙަވާލުވުމާ ހަމައަށް އަސާސީ ޚިދުމަތްތައް ފުރިހަމަވެފައި ނެތުމަކީ ރަށުގެ ތަރަޤީއަށް އޮތް ހުރަހެއްގެގޮތުގައި ރައްޔިތުން ދެކެއެވެ. މިދަތިތައް ޙައްލުކުރެއްވުމުގެ މަސައްކަތް ފެށްޓެވީ މިސަރުކާރުންކަމަށާއި، އޭގެސަބަބުން ރަށުގެ މަންޒަރު ބަދަލުވެގެންދާނެ ކަމަށް ރައްޔިތުން ދެކެއެވެ.

ފެންފުއްޓަކީ މިއަތޮޅުގައި ޤުދުރަތީގޮތުން އެންމެ ހިތްގައިމު އެއް ރަށެވެ. އަތޮޅުގެ އެހެން ރަށްރަށާ ޚިލާފަށް މިރަށް ޒަމާނުއްސުރެ މަޝްހޫރުވެފައިވަނީ މިރަށު މީހުން ކުރި ހިރިގަލުގެ މަސައްކަތުގެ ސަބަބުންނާއި މިރަށުގެ ހިރިގަލުގެ އާސާރީ ހުކުރު މިސްކިތުގެ ސަބަބުންނެވެ. މިއާއެކު އިޤްތިޞާދީގޮތުން މިރަށަކީ ފުދުންތެރި ތަރައްޤީގެގޮތުން ކުރިއަރާފައިވާ ރަށަކަށް ހެދުމުގެ ފުރުސަތު ބޮޑުކަމަށް ރައްޔިތުން ޤަބޫލުކުރެއެވެ.