ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑު ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ ހަމްނާ އަޙްމަދާއި ޢަލީ އިމްޢާން މުގުރާލައިފިއެވެ.
ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑު ހަމްނާ އާކޮށްފައިވަނީ އެއް މިނެޓު 18.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އައިޝަތު ސައުސަންއެވެ. އެ ފަހަރު ސައުސަން 100 މީޓަރު ބެކްސްޓްރޯކް އިވެންޓް ނިންމާފައިވަނީ އެއް މިނެޓު 18.58 ސިކުންތުންނެވެ.
މީގެ އިތުރުން ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރިކޯޑު އިމްޢާން އާކުރީ އެއް މިނެޓު 4.98 ސިކުންތުން އިވެންޓު ފުރިހަމަކޮށްފައެވެ.
މި ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ މުޙައްމަދު އާން ޙުސައިނެވެ. އެއީ މިދިޔަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 100 މީޓަރު ބެކްސްޓްރޯކް އިވެންޓް, އެއް މިނެޓު 5.77 ސިކުންތުން ނިންމައިގެންނެވެ.