ޚަބަރު

ޖޯޝުން ފުރިގެންވާ ހުށަހެޅުންތަކަކާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި


  • މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުން 1000 އެއްހާ ބައިވެރިން އައިޓަމްތައް ހުށަހަޅައިދިން

  • ކާށިދޫ، ދިއްގަރު އަދި ވަށަފަރުގެ ހުށަހެޅުންތަކެއްވެސް ފެނިގެންދިޔަ

  • ޤައުމީ ދިފާޢީ ބާރުން ގެނެސްދިން މިއުޒިކަލް ޑިސްޕްލޭއާއެކު ހަވާގެ ހަރަކާތްތައްވެސް ކުރިއަށްދިޔަ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ހެވިކަމާއި ކުޅިވަރުގެ ޕްރޮގްރާމްތައް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ގަލޮޅު ދަނޑަށްވަޑައިގެންނެވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިސްތިޤުބާލުކުރެއްވީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ދެކަނބަލުންނެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ކުރިނީސް އައްޓަށް އަރާވަޑައިގެން ހުއްޓިވަޑައިގަތުމާއެކު ޤައުމީ ދިފާޢީ ބާރުން 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ރިޔާސީ ކުރުނީސް ކުރުމާއެކު ސިފައިންގެ ބޭންޑުގައި ޤައުމީ ސަލާމް ވަނީ ކުޅެފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތުގައި ޖުމްލަ 9 ހުށަހެޅުމެއް ވަނީ ފެނިގެންގޮސްފައެވެ. މި ހަރަކާތްތައް ފެށުނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓު މާޗުންނެވެ.

މި ހިނގާލުމުގައި މަޖީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، އަމީނިއްޔާ ސްކޫލް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ކަލާފާނު ސްކޫލް، ޢިމާދުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، މުޙިއްޔުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، އިސްކަންދަރު ސްކޫލް، އަދި ހުޅުމާލޭގެ ޣާޒީ ސްކޫލާއި، ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލުން ވަނީ ބައިވެރިވެފައެވެ. ހިނގާލުން ކުރިއަށްދިޔަ ވަގުތު އެމް.އެން.ޑީ.އެފްއާއި ސްކޫލްތަކުން އެއްކޮށްލެވިފައިވާ ބޭންޑުގެ ހިތްގައިމު ހުށަހެޅުންތަކެއްވެސް ވަނީ ފެނިގެންގޮސްފައެވެ.

ސްކޫލް ދަރިވަރުންގެ އައިޓަމްތަކުގެ ތެރެއިން މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ހުށަހަޅައިދީފައިވަނީ ހުޅުމާލޭ ސްކޫލްތަކުގެ ޖޫނިއަރ ކެޓެގަރީގެ ކުދިންގެ ފަރާތުން ހުށަހަޅައިދިން އައިޓަމެކެވެ.

މި އައިޓަމުގައި ކާމިލްދީދީ ޕްރީސްކޫލް، މުހައްމަދު ޤާސިމް ޕްރީސްކޫލް، ހުރަވީ ސްކޫލް، ޣާޒީ ސްކޫލް އަދި ރެހެންދި ސްކޫލުގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. މި އައިޓަމުގައި ދައްކުވައިދީފައިވަނީ ރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ މަންޒަރާއި، އެ މިނިވަންކަން ހޯދުމަށް ދުޝްމަނުން ބަލިކޮށް ނަޞްރު ހޯދާ މަންޒަރާއި މިނިވަން މާޙައުލެއްގައި އުފަލާ ޖޯޝުގައި ކާމިޔާބީ ފާހަގަކުރާ މަންޒަރުތަކެވެ.

ދެން ފެނިގެންދިޔައީ މާލެއަތޮޅު ކާށިދޫގެ ފަރާތުން ހުށަހަޅައިދިން ހަރުބީގެ އައިޓަމެކެވެ. މިއީ ކާށިދޫގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން ސަޤާފީ ކުޅިވަރެއްގެގޮތުގައި ޚާއްސަ ކުރެވިފައިވާ ކުޅިވަރެކެވެ. މި ކުޅިވަރަށް ދީފައިވާ ޚާއްސަ ނަމަކީ ދިގުމަގު ހަރުބީ ޖެހުމެވެ. މި ކުޅިވަރަކީ އިހުޒަމާނުގެ ފަންނުވެރީން ދަސްކޮށްދިން ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް މިހާރުވެސް ކާށިދޫގައި ކުރިއަށްގެންދާ ކުޅިވަރެކެވެ. މަގުމަތީ ހަރަކާތުގެ ކުޅިއަކުން ފެށިގެންދާ މި ކުޅިވަރު ނިމިގެންދަނީ ހަރުބިމަތި ކުޅިއަކުންނެވެ.

ހުޅުމާލޭ ސީނިއަރ ގްރޫޕުގެ ފަރާތުން ހުށަހަޅައިދިން އައިޓަމުން މިނިވަންކަމުން ރާއްޖެދުށް ތަރައްޤީއާއި ޒަމާނީ ބަދަލުތައް ވަނީ ދައްކުވައިދީފައެވެ. އަދި އިހުގައި ދިވެހީން އުޅެމުން އައި ސާދާ ދިރިއުޅުމާއި އެއްބައިވަންތަކަން ގެއްލުނަނުދީ އަލުން ދިރުވާ އާލާކުރުމަށް މިއަދުގެ ޒުވާން ޖީލުވެސް އެދިއެދި ތިބިކަން ރަމްޒުކޮށްދީފައިވެއެވެ. މި އައިޓަމްތައް ހުށަހަޅައިދީފައިވަނީ ހުޅުމާލޭގެ 3 ސްކޫލެއްކަމަށްވާ ހުރަވީ ސްކޫލާއި، ރެހެންދި ސްކޫލް އަދި ޣާޒީ ސްކޫލުގެ ދަރިވަރުންނެވެ.

މ. ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުން ލަނގިރިޖެހުމުގެ ޚާއްސަ ސަޤާފީ ހަރަކާތެއްވެސް މި ކުޅިވަރުތަކުގެ ތެރޭގައި ވަނީ ދައްކާލާފައެވެ. މިއީ ދިވެހީންގެ ސަޤާފީ ކުޅިވަރުތައް ދިރުވާ އާލާކުރުމަށް މަސައްކަތް ކުރަމުން އަންނަ ފާހަގަކޮށްލެވޭ ޖަމުޢިއްޔާއެކެވެ. އެކުވެރި ގުޅުމުގެ ލަނގިރީގައި ކުރުދަނޑިއާއި، ދިގުދަނޑިނެށުން، މާބޮނޑިއާއި މާފައްޗާއި، ތާރައިގެ ތަފާތު ނެށުންތައް ހިމެނެއެވެ. މިއިން ކޮންމެ ނެށުމަކީވެސް ލޭ ކައްކުވާލާފަދަ ފޯރިގަދަ އަދި ޖޯޝުން ފުރިގެންދާ ފަދަ ނެށުންތަކެކެވެ.

މިއަހަރުގެ ސްކޫލް ކުދިންގެ އައިޓަމްތައް ގެނެސްދީފައިވަނީ އެކި އަވަށްތަކުގެ ސްކޫލްތައް 3 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ހުޅުމާލޭގެ ޖޫނިއަރ ގްރޫޕާއި ސީނިއަރ ގްރޫޕުގެ ހުށަހެޅުންތަކަށްފަހު، ދެން ފެނިގެންދިޔައީ ހެންވޭރު ގްރޫޕުގެ ހުށަހެޅުމެވެ. މި ގްރޫޕުގައި ހިމެނެނީ ދަރުމަވަންތަ ސްކޫލާއި، ޢިމާދުއްދީން ސްކޫލާއި، ޢިއްޒުދީން ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ކަލާފާނުގެ ސްކޫލުގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނެވެ. މި ގްރޫޕުގެ ފަރާތުން ވަނީ ޙުއްބުލްވަޠަނުގެ ޖޯޝާއި ފޯރިން ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކޮށް ވަޠަނީ ރޫޙު އާލާކޮށްދޭ ހިތްގައިމު މިއުޒިކާއި ފޯރިގަދަ ލަވައާއި ފަރި ހަރަކާތްތަކާއެކު މިނިވަންކަމަށް ދިވެހިން ކުރި ދަތުރު ދައްކުވާދީފައެވެ.

މި ރަސްމިއްޔާތުގައި ހއ. ވަށަފަރުންވެސް ޚާއްސަ ސަޤާފީ ކުޅިވަރުތައް ހިމެނޭ ހުށަހެޅުމެއް ވަނީ ހުށަހަޅައިދީފައެވެ. އަދި ސްކޫލް ދަރިވަރުންގެ ފަހު ހުށަހެޅުމެއްގެ ގޮތުގައި ފެނިގެންދިޔައީ މާފަންނު ގްރޫޕުގައި ހިމެނޭ ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް އަދި މުހުޔިއްދީން ސްކޫލުގެ ދަރިވަރުންގެ ހުށަހެޅުމެވެ. މި ހަރަކާތުން ރަމްޒުކޮށްދީފައިވަނީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ޤައުމީ ތަރިކަތަކަށް ދިވެހީންގެ ހިތްތަކުގައިވާ އިޙްތިރާމާއި، ޤާއުމާއި ދީނަށްޓަކާ ޚިދުމަތްކުރުމަށް އަދުގެ ޒުވާނުން ތައްޔާރަށް ތިބިކަމެވެ.

އެންމެފަހު އައިޓަމެއްގެގޮތުގައި ފެނިގެންދިޔައީ ޤައުމީ ދިފާޢީ ބާރުގެ ޚާއްސަ ހުށަހެޅުމެވެ. ޤައުމީ ދިފާޢީ ބާރުން ހުށަހަޅައިދިން އައިޓަމްގެ ނަމަކީ "ކަޅުތުއްކަލާ" އެވެ. މި ހަރަކާތް ޙާއްސަކޮށްފައިވާ ކަޅުތުއްކަލާއަކީ މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލެކެވެ. ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިމާދުއްދީން އެއްވަނަ ސިރީ ކުލަ ސުންދަރަ ކައްތިރި ބަވަނަ މަހާރަދުންނެވެ.

މިއީ މާލޭގެ ދިފާޢީ ނިޒާމު އެ ޒަމާނަށް ބަލާއިރު މުޅުން އައު ގޮތަކަށް ބަދަލުކުރައްވާ ދިވެހީންގެ މިނިވަންކަން ނަގާލުމަށް އައި ދުޝްމަނުންގެ ކޮންމެ ބާރަކާ ހަނގުރާމަ ކުރައްވާ ކާމިޔާބު ހޯދެއްވި ހިތްވަރުގަދަ ޤައުމީ ބަޠަލެކެވެ. މި ހަރަކާތުގެ ތެރެއިން ޤައުމީ ދިފާޢީ ބާރުގެ އެކި ޔުނިފޯމްތަކާއި، ވަޞީލަތްތައްވެސް ދައްކާލާފައިވެއެވެ. މިއުޒިކަލް ޑިސްޕްލޭއެއް ގޮތަށް ގެނެސްދިން މި އައިޓަމްގެ ތެރެއިން ހަވާގެ ހިތްގައިމު މަންޒަރުތަކެއްވެސް ވަނީ ދައްކާލާފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ރާއްޖޭގައި ތިއްބާވާ ބޭރު ޤައުމުތަކުގެ އިއްޒަތްތެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ގިނަ ޢަދަދެއްގެ އާއްމުންވެސް މި ކުޅިވަރުތައް ބަލާލުމަށް ގަލޮޅު ދަނޑަށް ގޮސްފައިވެއެވެ.