ޚަބަރު

ޤައުމުތަކާއެކު ބޭއްވޭ ސުލްހަވެރި ގުޅުންތަކަކީ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒު: ޢިމްރާން


  • މިނިވަންކަން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުން ޒުވާނުންގެ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވި

  • މިނިވަންކަމަކީ އިންސާނީ ތަބީއަތުގެ އެންމެމަތީ އެއް ސިފައިގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވި

ދުނިޔޭގެ ހުރިހާ ޤައުމުތަކާއެކު ބޭއްވޭ ސުލުހަވެރި މަތިވެރި ގުޅުންތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒުކަމުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިނިވަންކަމަކީ އިންސާނީ ތަބީއަތުގެ އެންމެމަތީ އެއްސިފަ ކަމަށެވެ. އަދި އެކަމަށްޓަކައި އިންސާނާގެ މުދަލާއި ފުރާނަ ޤުރުބާންކުރާ އެންމެމަތީ ޖައުހަ އަކީވެސް މިނިވަންކަން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ބައެއްފަހަރަށް މިނިވަންކަމުގެ އުފާ އިހްސާސްކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިންސާނަކަށް ލިބޭނެ އެންމެބޮޑު ނިކަމެތިކަމާއި, ބަލިކަށިކަމާއި ދެރަކަމާއި ހިތާމައަކީ އިންސާނާގެ ކުރިމަތީގައިވާ އަޅުވެތިކަން ކަމަށެވެ.

"އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ވަކިންބޮޑު ނިކަމެތިކަމެއް އިންސާނާގެ ހަޔާތުގައި ދުވަހަކުވެސް ކުރިމަތިނުވާނެ. ވަކިވަކި ފަރުދުންނާއި ގައުމުތަކުގެ އަޅުވެތިކަމުން އިންސާނީ މުޖުތަމައުތައް މިންޖުވުމަށް މަސައްކަތްކުރަނީ މިސަބަބާހުރެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މިނިވަންކަމަށް ލޯބިކުރާ އަޅުވެތިކަމަށް ނަފްރަތުކުރާ ރައްޔިތެއް އުޅޭ ޤައުމެއް" މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ، މިއަދުގެ އަޅުގަނޑުމެންގެ މިޖީލަށް މިނިވަންކަން އައިސްފައި ވަނީ އަޅުގަނޑުމެންގެ ކާބަފައިންގެ ހިތްވަރާއި އަޒުމާއި, މިނިވަންކަމަށް ކުރި ލޯބީގެ މަތިވެރިކަމުންކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނުން މަސައްކަތްކުރި ކޮންމެ ހިނދެއްގައި މިނިވަންކަމުގެ ދިފާއުގައި ދިވެހިން ތެދުވީ ވަރަށް ހިތްވަރާއި ސާބިތުކަމާއެކުކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި އަޅުގަނޑުމެންގެ ކާބަފައިންގެ ތެރެއިން އިސްނަގައިގެން ތެދުވެވަޑައިގެންނެވި އެތައް އަބުތާލުންގެ ޒިކުރާތައް އަޅުގަނޑުމެންގެ ތާރިޚުގެ ފަތްފުށްތަކުން ދިރުވި އާލާކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިއަދު އަޅުގަނޑުމެން މިހަނދާންކުރަނީ އެޒިކުރާ ކަމަށެވެ. ދުނިޔޭގެ ޤައުމުތަކުން މިސާލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިނިވަންކަމަކީ ސަރަހައްދުގެ ބޮޑުކަމާއި އާބާދީގެ ގިނަކަމާ ގުޅިފައިވާކަމެއް ނޫންކަމަށެވެ.

"މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި އަޅުވެތިކަމާ ދެކޮޅަށް, އަޅުވެތިކަން ގަބޫލުނުކުރުމާ ދެކޮޅަށް ކަނޑައަޅާ ވަރުގަދަވެގެންވާ އަޒުމެއް. އިސްތިއުމާރީ ބާރުތަކަށް ބޯ ތިރިކުރުމަށް ނުރުހިގެން ތެދުވާ ވަރުގަދަ ސާބިތުކަމަކާ ހިތްވަރެއް. މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި މިނިވަންކަމުގެ ދިފާއުގައި ގުރުބާންވާންޖެހޭ ކޮންމެ ހިނދެއްގައި ކޮންމެ ސިފައެއްގައި ތެދުވެ ގުރުބާންވުމަށްޓަކައި ލޭއޮހޮރުވާލުމަށްޓަކައި ދެވޭ ހިތްވަރެއް. އަދި މިނިވަންކަމުގެ ދިފާއުގައި އެއް އިހުސާސެއް ކުރާ އެންމެން އެކުގައި ގޮވައިގެން ތެދުވާ ހިކުމަތްތެރި ހިތްވަރުގަދަ ލީޑަރުންގެ މަސައްކަތުގެ ނަތީޖާ" މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި މިއަދު އަޅުގަނޑުމެންނާ ހަމައަށް އަޅުގަނޑުމެން ކާބަފައިން ފޯރުކޮށްދީފައި މިވާ މިނިވަންކަން ފަޚުރުވެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ބޮޑުވެގެންވާ ޒިންމާއެއްކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެޒިންމާތައް ފުރިހަމަ ގޮތުގައި އުފުލާ އެކަމުގެ ފުރިހަމަ އިހުސާސް ހުރިހާ ރައްޔިތުން އެކުގައި ކުރުމަކީ އަޅުގަނޑުމެން އަދާކުރަންޖެހޭ ޤައުމީ ވާޖިބެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަދުގެ ސަރުކާރުން އެޒިންމާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ވިސްނުންތެރިކަމާއި, ހިކުމަތްރެރިކަމާއެކު ނަންގަވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލިގެންދަނީ ޤައުމުތަކާމެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަންކުރެވޭ ނުރައްކާތެރި ގޮތްތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އެކަން އިހުސާސްކުރެވި ދުނިޔޭގެ ހުރިހާ ޤައުމުތަކާއެކު ބޭއްވޭ ސުލުހަވެރި މަތިވެރި ގުޅުންތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒުކަމުގައި ވިދާޅުވިއެވެ. މިގުޅުން މިގޮތުގައި ދެމިއޮންނާނީ ރާއްޖޭގެ ފުރިހަމަ ޚާރިޖީ ސިޔާސަތު ކަނޑައެޅި އެސިޔާސަތު ދެމެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ބޭފުޅުންގެ އިއްޒަތާއި ޝަރަފްވެރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރެއްވިއެވެ. އަދި ސަލާމަތީ ޚިދުމަތްތަކުން ކުރައްވާ މަސައްކަތްތައްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.