ތަފާތު ޚިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ މިނިވަންކަމާއި ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ މިނިވަންދުވަހާ ގުޅިގެން ދެއްވި ޚިޠާބެއްގައެވެ.
މިނިސްޓަރ މާރިޔާގެ ޚިޠާބުގައި ވިދާޅުވީ މިސަރުކާރުން އަބަދުވެސް އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭ ކަމަށެވެ. އެގޮތުން ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް ހޯދާ، ޒަމާނީ ކުރުމާއި، ޤައުމަށް ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރު ވުމަށް ބޭނުންވާ ވަސީލަތްތަކާއި، ތަމްރީނު ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ މިނިވަންކަމަކީ ހަމައެކަނި އަސްކަރީ ބާރާއި ގުޅިފައިވާކަމެއްނޫން ކަމަށާއި އެއީ މުޅި ދިވެހި މުޖުތަމައާއި ދިވެހި ކޮންމެ ރައްޔިތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.
"ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އަދުލު އިންސާފް ޤާއިމްވުމާއި، ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމާއި، ވިޔަފާރިއާއި އިޤްތިޞާދުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ފަހި މާޙައުލެއް އޮތުމާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވުމަކީވެސް، ޤައުމުގެ މިނިވަންކަމާއި ގުޅިފައިވާ މުހިންމު ކަންކަން. ތަފާތު ޚިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ މިނިވަންކަމާއި ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ކަމެއް." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިވަންދުވަހު މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ފާހަގަކޮށް އުފާކުރާއިރު، ކުރިމަގަށް ވިސްނަންޖެހޭ ކަންކަންވެސް ގިނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބަދަލުވަމުންދާ ސަރަޙައްދީ މާޙައުލާއި، އިސްތިރާޖީ ހަލަބޮލިކަމުގެ ތެރެއިން، މިޤައުމު ކުރާ ދަތުރު އަމާންކަމާ އޮމާންކަމާ ހަމަޖެހުމާއެކު ކުރިއަށް ގެންދިއުމުގެ ހަކަތަޔަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާވަނީ ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިންގެ ބިން ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ދިވެހި ސިފައިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
"އެންމެ ޙައްސާސް ވަގުތުތަކުގައިވެސް، ޤައުމާއި ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ދަތި ޙާލަތަކާވެސް ފަސްޖެހުމެއްނެތި ކުރިމަތިލާ، މަސްއޫލިއްޔަތާއި ވާޖިބަށް އިސްކަންދީގެން ކުރާ ހިތްވަރުގަދަ މަސައްކަތަކީ، މި ދިވެހި ފަސްގަނޑާއި ދިވެހި ރައްޔިތުންގެ މައްޗަށް އެމީހުންގެ ހިތުގައިވާ ކުލުނާއި ލޯބި ހާމަކޮށްދޭ ކަމެއް" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ ކޮންމެ ފަރުދަކީވެސް މި ޤައުމުގެ މުސްތަޤުބަލު ބިނާ ކުރުމުގައި މުހިންމު ޒިންމާއެއް އޮތް މީހެއްކަން ޤަބޫލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.