ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ.މުޞްޠަފާ ލުޠުފީއަށް، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އަރުވައިފިއެވެ.
ޢިއްޒަތް އަރުވާފައިވަނީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އެމަނިކުފާނު މިހާރު އަދާކުރައްވަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމެވެ.
ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރުއްވީ، ތަފާތު އެކި މަޤާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވެސް ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ރާއްޖެ މިއަދު މި ދެކޭ ތަޢުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައްޔާއި، މުދައްރިސުން އުފެއްދެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކާއި، ތަޢުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވަނީ ޝަރަފުގެ ޢިއްޒަތް ލިބިވަޑައިގެންނެވި، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް، ދިވެހި ދައުލަތުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ ރާއްޖެ މިއަދު މި ދެކޭ ތަޢުލީމީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށެވެ.
އެގޮތުން ވަށައިޖެހޭ ތަޢުލީމެއް ތަޢާރަފް ކުރައްވައި، ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ގުޅުން ބަދަހިކުރެއްވުމަށްކަމަށް މުސްތަފާ ލުތުފީ މަސައްކަތްޕުޅު ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއާއި، އަދި މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ އިޖްތިމާޢީ ދާއިރާގެ ކަންކަން ކުރިއަށް ގެންދެވުމުގައި ދެއްވަމުންދާ ލަފާފުޅާއި އިރުޝާދު ރައީސް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ރަށްރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް. ރަށްރަށުގައި ކޮމިއުނިޓީ ސްކޫލްތައް ފެށިގެން އައިއިރު ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތައް ހުރަސްކުރައްވައި، ކޮމިއުނިޓީ ސްކޫލްތަކާއެކު އަތޮޅުތަކުގެ ތަޢުލީމީ ޙާލަތު ރަނގަޅުކުރައްވައި، ތަޢުލީމުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނަވައިދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މުސްތަފާ ލުތުފީއަކީ ރާއްޖޭގެ މިފަހުގެ ތާރީޚުގައި ކުރެވުނު ސިޔާސީ އިޞްލާޙީ މަސައްކަތުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ހިތްވަރު ގަދަ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.