ޚަބަރު

މިދިޔަ ފަސް އަހަރަކީ، ފުރިހަމަ މާނައިގެ މިނިވަންކަން ޤާއިމުވެފައި އޮތް ފަސް އަހަރު: ރައީސް


  • މިދިޔަ ފަސް އަހަރަކީ، ފުރިހަމަ މާނައިގެ މިނިވަންކަން ޤާއިމުވެފައި އޮތް ފަސް އަހަރު

  • މިނިވަންކަމުގެ ބިންގަލަކީ ދާޚިލީ ހަމަޖެހުން

  • މިނިވަންކަން ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ބައިނަލްއަޤުވާމީ މުޖްތަމަޢާ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުން

ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގައި މިނިވަންކަން ޤާއިމުވެފައި އޮތް ފަސް އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މިނިވަން ދުވަހަކީ ޤައުމެއްގެ ނިސްބަތުން ފާހަގަކުރެވޭ އެންމެ ހައިބަވަންތަ ދުވަސްކަމަށެވެ. މި ދުވަސް ފާހަގަކުރުމުގެ މާނަވީ ރަމްޒަކީ، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގެ ޢަހުދު ކަށަވަރު އައުކުރުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަންކަމުގެ ބިންގަލަކީ ދާޚިލީ ހަމަޖެހުންކަމަށެވެ. ތާރީޚަށް ބަލާއިރު ދޮންބަންޑާރައިންގެ ޤައުމީ ޖިހާދުން ވެސް އަޅުގަނޑުމެންނަށް ފެންނަނީ، ޞުލްޙަޔާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓެވުމަށް ކުރެއްވި މަސައްކަތްކަމަށެވެ. އެ ރަދުންގެ ޤައުމީ ޖިހާދުގެވެސް އާރާއި ފަންވަރަކީ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ޤަރުނުގެ ތަރައްޤީކަމަށެވެ. އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ޙާލަތުކަމަށެވެ. ނަމަވެސް މިދިޔަ ފަސް އަހަރުގެ އަމާޒަކަށް ހެއްދެވީ، އެ ޙާލަތު ބަދަލުކޮށް ތަރައްޤީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުމަށްކަމަށެވެ.

މި މަގުން ޢިލްމު އުނގެނުމާއި މަތީ ތަޢުލީމް ޙާޞިލުކުރުމުގެ ފުރުޞަތު ނުލިބޭ އެންމެ ދިވެހި ދަރިއަކުވެސް މިހާރު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން، މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް، ދިވެހި ޒުވާނުންނަށްޓަކައި ފުރުޞަތުތައް ފަހިކޮށްދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، މިނިވަންކަމާއެކު ދިރިއުޅުމުގެ މަގު ރައްޔިތުންނަށް ތަނަވަސްކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް އެކި ގޮތްގޮތުން ފަހިކޮށްދެއްވާފައިވާ 5 އަހަރުކަމަށެވެ.

"މިއީ ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ޚާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާޚިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ އެންމެ އިސް ޢަމާޒަކީ ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިޔާމަތްކޮށް ރައްކާތެރިކުރުންކަމަށެވެ. އަދި މިލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެވެސް އެންމެ އިސް ވާޖިބުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިއްޔެ އަޅުގަނޑުމެން ތިބި ހިސާބާއި، މިއަދު ތިބި ފިޔަވަޅުމަތިން ހިނގައިގަނެ، މާދަމާ އަތުލާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ވިސްނައިލުމަކީ ކޮންމެ ރައްޔިތަކުމެ ކުރަންޖެހޭ ކަމެއްކަމަށެވެ.

ރާއްޖޭއިން މިނިވަންކަމާއި، ހޯދަމުންދާ ތަރައްޤީގައި ބައިނަލްއަޤްވާމީ ގުޅުންތަކާއިއެކު އޮތް ބަދަހިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެއާއި ބައިނަލްއަޤުވާމީ މުޖްތަމަޢާ ދެމެދުގައި އޮތް ރަޙްމަތްތެރި ބަދަހި ގުޅުން. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ދިރުން ލިބިއްޖެ. ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ ޢާއިލީ ތަނަވަސްކަން އިތުރުވެއްޖެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވަނީ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ލިބިވަޑައިގެންނެވި މުޞްޠަފާ ލުޠުފީއަށާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އަދި އެކިއެކި އެހެނިހެން ދާއިރާތަކުން ޤައިމީ އިނާމު ޙާޞިލްކުރެއްވި ބޭފުޅުންނަށް ތަޙުނިޔާ ވިދާޅުވިއެވެ.