ޚަބަރު

ޤައުމީ ކެޑޭޓް ކޯގެ އައު ރަސްމީ ދިދައާއި ވެބްސައިޓް ލޯންޗުކޮށްފި


  • ކެޑޭޓް ޙަރަކާތްތައް ރާއްޖޭގައި ރަސްމީކޮށް ފަށާފައިވަނީ 1995 ވަނަ އަހަރުގެ ޖުލައި 25 ގައި

  • ކެޑޭޓް ކޯގެ އައު ރަސްމީ ދިދަ އިފްތިތާޙްކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ

  • ރާއްޖޭގެ އެކި ސްކޫލްތަކުގައި 1000 އަށްވުރެ ގިނަ ކެޑޭޓުން

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ އައު ރަސްމީ ދިދައާއި، ވެބްސައިޓް ރަސްމީކޮށް ލޯންޗްކޮށްފިއެވެ. އައު ދިދައާއި، ވެބްސައިޓް ލޯންޗްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯއަށް 28 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި ޤައުމީ ކެޑޭޓް ކޯ ގެ ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރ ޑރ. އާއިޝަތު ޢަލީއެވެ. ޝަރަފްވެރި މެހެމާން މައިދާނަށް ވަޑައިގަތުމުން ރަސްމިއްޔާތު ފެއްޓުމުގެ ހުއްދައަށް އެދި ރިޕޯޓް ކުރީ ރަސްމިއްޔާތުގެ މެހެތަރު ކެޑޭޓް ކެޕްޓަން ފާތިމަތު އިސްމާއިލެވެ.

މި ރަސްމިއްޔާތުގައި ކެޑޭޓް ކޯގެ އައު ރަސްމީ ދިދަ މިނިސްޓަރ ޑރ. އާއިޝަތު ޢަލީ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އަދި ކެޑޭޓް ކޯ އައު ވެބްސައިޓް ލޯންޗްކޮށްފައިވާއިރު، ފުރަތަމަ ފަހަރަށް ކެޑޭޓް ކޯ ގެ ލަވައިގެ ވީޑިއޯވެސް ވަނީ މި ރަސްމިއްޔާތުގައި ދައްކާލާފައެވެ.

މި ރަސްމިއްޔާތުގައި ކެޑޭޓް ކޯ ގެ ފަރާތުން ވާހަކަދައްކަވަމުން ކެޑޭޓް ކޯގެ ކޮމާންޑިންގް އޮފިސަރ އެމް.އެން.ޑީ.އެފް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވިދާޅުވީ، ކެޑޭޓް ހަރަކާތަކީ ރާއްޖޭގެ ސްކޫލްތަކުގައި ހިންގޭ އެންމެ ދުވަސްވީ ޔުނިފޯމް ހަރަކާތްކަމަށެވެ. އަދި މިހާ ހިސާބަށް އައިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1000 އަށްވުރެ ގިނަ ކެޑޭޓުން އެކި ސްކޫލްތަކުގައި ހަރަކާތްތެރިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވިދާޅުވީ، ހުރި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގައި މި ހަރަކާތް ގެންދެވޭ އެންމެ ފުޅާ ދާއިރާއެއްގައި ގެންދިއުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި ކެޑޭޓް އެކްޓެއް އުފަންވެގެން އައުމަކީ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯއިން ދެކޭ ވަރަށް ބޮޑު އުއްމީދެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކެޓޭޑުގެ ހަރަކާތްތައް މިހާރަށްވުރެ ފުރިހަމައަށް ކުރިމަގުގައި ގެންދެވޭނީ ކޮންގޮތަކަށްތޯ ބެލުމަށްޓަކާ ދިރާސީ ނަޒަރަކުން ބަލާ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މި ހަރަކާތް ހިންގަމުންދާ ގޮތްތަކަށް ރިޢާޔަތްކޮށް، ރާއްޖެއަށް އެންމެ ފެތޭގޮތަށް ކަންކުރާނީ ކިހިނެއްތޯވެސް މިދަނީ ބަލަމުން. ދިވެހިރާއްޖޭގައި ކެޑޭޓް އެކްޓެއް ނުވަތަ ޤާނޫނެއް ފާސްކުރުމަކީ އަޅުގަނޑުމެން ދެކޭ ހުވަފެނެއްކަމަށް ދަންނަވަން. އަދި އަޅުގަނޑުމެންގެ ހަރަކާތްތަކެއް ހިންގުމަށްޓަކާ ވަކި ސަރަހައްދުތަކެއް ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށްވެގެންދާނެ" ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކެޑޭޓުންގެ އަޒުމް އާކުރުމުގެ ގޮތުން އަޒުމް ލައިދެއްވީ ކެޑޭޓް ކޯ ޑިރެކްޓަރ ޖެނެރަލް ކެޑޭޓް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު އިޝާނެވެ. ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ނަމުގައި ރާއްޖޭގައި ކެޑޭޓް ޙަރަކާތްތައް ރަސްމީގޮތުން ފަށްޓަވާފައިވަނީ 1995 ވަނަ އަހަރުގެ ޖުލައި 25 ގައެވެ.