ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕް 2023 ގައި ކޮލަމްބިއާއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފުރިހަމަ މޮޅެއް ހޯދައިފިއެވެ.
އޮސްޓްރޭލިއާގެ ސިޑްނީގައި މިއަދު ހެދުނު ކުޅުނު ގުރޫޕް އެޗްގެ މެޗު ކޮލަމްބިއާއިން ކާމިޔާބުކުރީ ދެކުނު ކޮރެއާއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފަވަނީ ކޮލަމްބިއާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ކޮލަމްބިއާއިން މެޗު ކާމިޔާބުކުރިއިރު، އެ ޓީމުގެ ފުރަތަމަ ލަނޑަކީ ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ދެކުނު ކޮރެއާގެ ޕެނެލްޓީ އޭރިއާގެ ތެރެއިން ޝިމް ސިއޮ ޔިއޮންގެ އަތުގައި ބޯޅަ ޖެހުމުގެ ސަބުބުން ލބުނު ޕެނެލްޓީ ގޯލުގެ ތެރެއަށް ވައްދާލައި، ކޮލަމްބިއާއިން ލީޑު ނެގީ މެޗުގެ 30 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކަޓަލީނާ އުސްމޭއެވެ.
މި މެޗުގައި ކޮލަމްބިއާއިން ލީޑު ފުޅާކުރީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް އުމުރުން 18 އަހަރުގެ ލިންޑާ ސައިސިޑޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަކީ ކޮރެއާގެ ގޯލްކީޕަރު ޔޫން ޔަންގް ގުއެލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޭނާ ކާމިޔާބުކުރި ލަނޑެވެ.
މިއީ މި މުބާރާތުގެ ތާރީޚުގައިވެސް ކޮލަމްބިއާ މޮޅުވި ދެވަނަ މެޗެވެ. މިމެޗުގައި 77 ވަނަ މިނިޓުގައި ދެކުނު ކޮރެއާ ޓީމުން ވަނީ އެ ޓީމުގެ އިނގިރޭސި ޒުވާން ކުޅުންތެރިޔާ ކަސޭ ޕެއާ ކުޅެން ނެރެފައެވެ. އެއާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕުގެ ތާރީޚުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ޕެއާގެ އުމުރުރަކީ 16 އަހަރާ 26 ދުވަހެވެ.
މި ނަތީޖާއެކު ދެކުނު ކޮރެއާއިން ވަނީ އެންމެ ފަހުން ކުޅުނު ހަތަރު ވޯލްޑް ކަޕުގައިވެސް ފުރަތަމަ މެޗުން ބަލިވެފައެވެ. މިއަދުގެ މެޗު ބެލުމަށް ސިޑްނީ ފުޓްބޯޅަ ދަނޑަށް 24000 މީހުން ވަނީ ކުޅިބަލަން ވަދެފައެވެ. މި މުބާރާތުގައި އަންނަ އާދީއްތަ ދުވަހު ދެކުނު ކޮރެއާ ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. އަދި އެ ދުވަހު ކޮލަމްބިއާ ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.