ޚަބަރު

މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ ޤަވާއިދު އާއްމުކުރައްވައިފި


  • މި ލައިސަންސް ދޫކުރެވޭނީ 5 ރޭންކަކަށް ބަހާލާގެން

  • މުދައްރިސުންނާއި، ޓިޔުޝަން ދޭ ފަރާތްތަކާއި، ޓިޔުޓަރުންވެސް މި ލައިސަންސް ނަގަންޖެހޭ

މުދައްރިސުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ޤަވާއިދެއް އެކުލަވާލައްވާ، އެޑިޔުކޭޝަން މިނިސްޓްރީން އާއްމުކުރައްވައިފިއެވެ.

މި ޤަވާޢިދަކީ ރާއްޖޭގައި ހިންގާ ސްކޫލްތަކާއި، އަދި ކިޔަވައިދޭ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާއި އަދި އެއާއިގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި ހަދާފައިވާ ޤަވާޢިދެކެވެ.

މި ޤަވާޢިދުގެ މަޤްޞަދަކީ ރާއްޖޭގައި ކިޔަވައިދިނުމަށް އުޅޭ މުދައްރިސުންނަކީ ކަމަށް ޤާބިލު އެކަށީގެންވާ ބައެއްކަމަށް ކަށަވަރުކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ބައެއްކަމަށް ކަށަވަރުކުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހަމައެއާއެކު، ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކާއި އަދި އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާއި ގުޅޭ އިޖުރާތުތައް ބަޔާންކުރުމާއި، މުދައްރިސެއްގެ ގޮތުގައި ރަޖިސްޓްރީވެ، ލައިސަންސް ލިބުން ލާޒިމްވާ ފަރާތްތަކާއި، އެކަމުން އިސްތިއުނާފުވާ ފަރާތްތައް ބަޔާންކުރުމަކީވެސް މި ޤަވާޢިދުގެ މަޤުޞަދެއްކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤަވާޢިދުގައި މުދައްރިސުންނަށް ދޫކުރާނެ ލައިސަންސުގެ ބާވަތްތަކާއި، މުދައްރިސުންނަށް ލައިސަންސް ދިނުމުގައި ރިޢާޔަތްކުރާނެ ކަންކަން ވަނީ ބަޔާންކޮށްފައެވެ. މި ޤަވާއިދުގައިވާގޮތުން ބިދޭސީ މުދައްރިސުންވެސް ހިމެނޭހެން މުދައްރިސުންގެ އިތުރުން ޓިޔުޝަން ދޭ ފަރާތްތަކާއި، ޓިޔުޓަރުންވެސް މި ލައިސަންސް ނަގަންޖެހެއެވެ.

މި ލައިސަންސް ދޫކުރެވޭނީ 5 ރޭންކަކަށް ބަހާލާގެންނެވެ. އެއީ، ޓީޗަރ، ގްރެޖުއޭޓް ޓީޗަރ، ޕްރޮފިޝަން ޓީޗަރ، އެކޮމްޕްލިޝްޑް ޓީޗަރ އަދި ޑިސްޓިންގްއިޝް ޓީޗަރގެ ރޭންކެވެ.

މުދައްރިސުންގެ ލައިސަންސް ހޯދުމަށްޓަކައި ފީ ތަކެއްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން، ލައިސަންސް ދޫކުރުމާއި، ލައިސަންސްގެ ރޭންކު ބަދަލުކުރުމަށް ކަނޑައަޅާފައިވަނީ 400 ރުފިޔާގެ ފީ އެކެވެ. އަދި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސާއި، ޕްރޮވިޝަނަލް ޓީޗިންގެ ލައިސަންސް ދޫކުރުމަށްޓަކައި 200 ރުފިޔާގެ ފީއެއް ވަނީ ކަނޑައަޅާފައެވެ.

މުދައްރިސުންގެ ލައިސަންސްއާއި ގުޅޭގޮތުން، މުދައްރިސުން އަދާ ކުރަންޖެހޭ ޒިންމާތަކެއްވެސް ވަނީ މި ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ އެގޮތުން، ލައިސަންސްގެ މުއްދަތު ހަމަވުމުން ލައިސަންސް އައު ކުރުމާއި، ބޯޑަށް ބޭނުންވާނެ ހުރިހާ ލިޔެކިޔުމަކާއި، މަޢުލޫމާތު ހުށަހެޅުމާއި، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރު ކުރުން ފަދަ ކަންކަމަކީ މި ލައިސަންސާއެކު، މުދައްރިސުންގެ ބޮލުގައި އެޅޭ ޒިންމާތަކެވެ.

މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންނަކީ އެންމެ ޤާބިލު އަދި އެންމެ އެދެވޭ ނަތީޖާއެއް ނެރޭފަދަ މުދައްރިސުންތަކަކަށް ހެދުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކިޔަވައިދޭ މުދައްރިސުންނަކީ ތަޢުލީމީ ފެންވަރު ރަނގަޅު، ދަރިވަރުންނަށް ބޭނުންތެރި ތަޢުލީމެއް ދެވޭ ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަކީވެސް، މިފަދަ ލައިސަންސެއް މުދައްރިސުންނަށް ދޫކުރުމުގެ މުހިންމު ބޭނުމެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.