ޚަބަރު

ތުޅާދޫ ސިއްޙީ މަރުކަޒު މިހާރުން މިހާރަށް ބޭނުންވާ ޙިދުމަތްތަކާއެކު ފުޅާކުރަނީ


  • އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުތައް ކޮންމެ ހަފްތާއަކު އެއްފަހަރު ތުޅާދޫއަށް ދަތުރުކުރާނެ

  • ކުޑަކުދިންގެ ބަލިތަކާއި، އަންހެނުންގެ ބަލިތަކަށް ދެވޭ ފަރުވާއާއި ސްކޭން ކުރުމުގެ ޙިދުމަތް ދޭން މަސައްކަތްކުރަނީ

ބ. އަތޮޅު ތުޅާދޫގައި އައު ހޮސްޕިޓަލު އަޅާ ޙިދުމަތް ދޭން ފެށެންދެން އެރަށުގައި ހުރި ސިއްޙީ މަރުކަޒަށް މިހާރުން މިހާރަށް ބޭނުންވާ ޙިދުމަތްތަކާއެކު ޙިދުމަތް ފުޅާކުރައްވާނެކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އެރަށުގައި ސަރުކާރުން ތަރައްޤީކުރާ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމަށް ބިންގާ އެޅުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތުޅާދޫ އަކީ އާބާދީ ބޮޑު ރަށަކަށް ވުމުންނާއި، އެ އަތޮޅުގެ ހޮސްޕިޓަލު ހުންނަ އޭދަފުށްޓާ ދުރުގައި އޮންނަ ރަށަކަށްވުމުން ސިއްޙީ ޚިދުމަތް ހޯދުމަށް އެރަށު މީހުން ކުރާ ހޭދަ ކުޑަކުރަންޖެހޭކަން ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ، މިހާރުން މިހާރަށް ބޭނުންވާ ޙިދުމަތްތައް ފެށޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވާނެކަމަށެވެ.

"ހޮސްޕިލު އެޅެންދެންވެސް މިހާރުން މިހާރަށް މިރަށު ސިއްޙީ މަރުކަޒަށް ބޭނުންވާ ޙިދުމަތްއެބަހުރި ރައްޔިތުން މިހާރު އެކަމަށް ކުރާ ހޭދަ ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ، މިހާރުން މިހާރަށް ބޭނުންވާ ޙިދުމަތް ހޯދައި އެކަންކަން ހައްލުކޮށްދެއްވާނެ ޔަގީންކަން އަރުވަން" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، ތުޅާދޫ ސިއްޙީ މަރުކަޒުގެ ޙިދުމަތް ފުޅާކުރުމަށް ކުރާނެ އެންމެ މުހިންމު މަސައްކަތަކީ އެއަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުތައް ކޮންމެ ހަފްތާއަކު އެއްފަހަރު ތުޅާދޫއަށް ދަތުރުކޮށް ބަލިމީހުން ބެލޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ. އެގޮތުން ކުޑަކުދިންގެ ބަލިތަކާއި، އަންހެނުންގެ ބަލިތަކަށް ދެވޭ ފަރުވާގެ ޙިދުމަތާއި، ސްކޭން ކުރުމުގެ ޙިދުމަތް ދިނުމަށް މަސައްކަތްކުރައްވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

އާބާދީގައި 2500 މީހުން ދިރިއުޅޭ ތުޅާދޫ ސިއްޙީ މަރުކަޒުން މިހާރު ލިބެނީ މެޑިކަލް އޮފިސަރުންގެ ޙިދުމަތެވެ. އެގޮތުން މިހާރު އެމަރުކަޒުގައި 2 ޑޮކްޓަރުން ތިބޭއިރު އާބާދީ އާ އެކަށޭނެ މިންވަރަކަށް ސިއްޙީ ޙިދުމަތް ފުޅާވެފައި ނެތުމަކީ އެރަށު މީހުންގެ އޮތް ކަންބޮޑުވުމެކެވެ.

24 ގަޑިއިރު ޙިދުމަތްދޭ މި މަރުކަޒަށް ދުވާލެއްގެ މައްޗައް 40-30 ހާ ދެމެދުގެ އަދަދަކަށް މީހުން ޑޮކްޓަރަށް ދައްކަން ދާއިރު، ގިނަ މީހުން އިތުރުފަރުވާ ހޯދުމަށް ދަނީ މާލެއަށާއި އޭދަފުށްޓަށެވެ.

މިރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށް އެކަމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެކަމޮޑޭޝަން ބްލޮކެއްވެސް ހިމެނޭހެން ތަރައްޤީކުރާ މި ހޮސްޕިޓަލު އެޅުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 124 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 18 މަސް ނުވަތަ 540 ދުވަހެވެ.