ވިޔަފާރި

އިމިގްރޭޝަނާއި ގުޅޭ ފަހުމުނާމާގެ ސަބަބުން އޮފިޝަލުންގެ ޤާބިލްކަން އިތުރުކުރުމަށް ފުރުޞަތުތައް ލިބިގެންދާނެ: ޝާހިދު


  • މުވައްޒަފުން ތަމްރީންކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ

  • އިންސާނީ ވަގީފާރިއާ އެހެނިހެން އިމިގްރޭޝަނާއި ގުޅުން ހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ

ދިވެހިރާއްޖެ އާއި އިންޑިއާގެ އިމިގްރޭޝަނާއި ދެމެދު ސޮއިކުރެއްވުނު ފަހުނާމާގެ ސަބަބުން އިމިގްރޭޝަން އޮފިޝަލުންގެ ޤާބިލުކަން އިތުރުކުރެއްވުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނާއި ގުޅޭ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރައްވައި، ފުޅާކުރެއްވުމުގެ މަގްސަދުގައި އެކުލަވާލެއްވި ފަހުމުނާމާގައި ރާއްޖެއާައި އިންޑިއާއިން ސޮއިކުރީ ހޯމަދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވެވި ދެ ޤައުމުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައެވެ.

ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިމިގްރޭޝަން އާއި އިންޑިއާގެ ބިއުރޯ އޮފް އިމިގްރޭޝަންއާ ދެމެދު އިމިގްރޭޝަން ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ސޮއިކުރެވުނު ފަހުމުނާމާއަކީ ދެޤައުމުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުޞަތެއްކަމަށެވެ. އަދި މި މުޙިއްމު ފަހުމުނާމާގެ ސަބަބުން ދިވެހިރާއްޖޭގެ އިމިގްރޭޝަން އޮފިޝަލުންގެ ޤާބިލްކަން އިތުރުކުރުމަށް ފުރުޞަތުތައް މަގުފަހި ވެގެންދާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާރ އޮފް އިމިގްރޭޝަން، މުހައްމަދު އަހުމަދު ހުސައިންއެވެ. އިންޑިޔާގެ އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހޯމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުމާންތް ސިންގއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މި ފަހުމުނާމާއަކީ ދެގައުމުގެ ދެމެދުގައި އިމިގްރޭޝަންގެ މަސައްކަތްތަކާއި ގުޅުންހުރި މައުލޫމާތު ބަދަލުކުރުމަށާއި ބޯޑަރ ކޮންޓްރޯލް މެނޭޖްމަންޓް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއްކަމަށެވެ. އަދި އިމިގްރޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން މުވައްޒަފުން ތަމްރީންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިންސާނީ ވަގީފާރިއާ އެހެނިހެން އިމިގްރޭޝަނާއި ގުޅުން ހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެމުންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރައްވައި، ފުޅާކުރެއްވުމުގެ މަސައްކަތްތައް އެކި ގައުމުތަކުގެ އެކި އިދާރާތަކާއި ގުޅިގެން އިމިގްރޭޝަނުން ދަނީ ކުރިއަށްގެންދަވަމުންނެވެ. އަދި އެ މަސައްކަތްތަކާއެކު އިމިގްރޭޝަނަށްވެސް ކުރިއެރުންތަކެއް ލީބެމުންދާކަމަށް އިދާރާއިން ވިދާޅުވެއެވެ..