ކުޅިވަރު

ނައިވާދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވައިފި


ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ހދ. ނައިވާދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ނައިވާދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ބޮޑުތިލަ އިންވެސްޓްމަންޓާއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ފުއާދެވެ. އަދި ބޮޑުތިލަ އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޑްމިން އޮފިސަރު ނީނާ ނާފިއުއެވެ.

ނައިވާދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ މަސައްކަތް ފަށާތާ 41 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން އެއް މިލިޔަން އެއްލައްކަ ހަތާވީސްހާސް ތިންސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ސާޅީސް ހަތް ލާރި ޚަރަދުކޮށްގެން ކުރިިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.