ޚަބަރު

ޕްރައިމަރީ ބާއްވާ ދުވަހު ޕާޓީއަށް ސޮއިކޮށް، ވޯޓްލެވޭނެ: ދަ ޑިމޮކްރެޓްސް


  • ދަ ޑިމިކްރެޓްސްގެ ޕްރައިމަރީގައި އޮތީ އިލްޔާސް ލަބީބަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން

  • ޑިމޮކްރެޓްސްގެ މެމްބަރުންގެ 10 އިންސައްތަ ވޯޓު ލިބިގެން ރިޔާސީ ކެނޑިޑޭޓަށް ވެވޭނީ

  • ޕްރައިމަރީ ބާއްވާ ދުވަހު ޕާޓީއަށް ސޮއިކޮށް ވޯޓުލެވޭނެ

ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަަހަޅުއްވާފައިވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް އެޕާޓީގެ މެމްބަރުންގެ ތާއީދު އޮތް މިންވަރެއް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުން އަންނަ ހުކުރު ދުވަހު ނެގުމަށް ނިންމަވައިފިއެވެ.

މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަން، އެ ޕާޓީގެ ރިޔަސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ޕާޓީޣެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޕާޓީގެ ޕްރައިމަރީއަށް އެންމެ ފަރާތަކުން ނަން ހުށަހަޅައިފިނަމަ ޓިކެޓް ލިބޭނީ ފެންނަ ނުފެންނަ ވޯޓެއްގައި ޕާޓީގެ މެމްބަރުންގެ 10 އިންސައްތަ ވޯޓު ލިބިގެންނެވެ.

ޕްރައިމަރީއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ އިންތިގާލީ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ވޯޓު ފޮށި ބަހައްޓާނީ 20 މެމްބަރުން ހަމަވާ ރަށްތަކުގައި ކަމަށެވެ. އަދި މިއިންތިޚާބުގައި އޮންލައިންކޮށް ވޮޓުލުމުގެ ފުރުސަތުވެސް ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްލަ ވޯޓާސް ލިސްޓަށް ވާނީ ވޯޓުލާ ނިމޭއިރު، އޮންނަ ޖުމްލަ މެމްބަރުންގެ ޕާޓީގެ ލިސްޓު. އެއީ ޖުމްލަ ވޯޓާސްލިސްޓު. އަޅުގަނޑުމެން މިދަންނަވަނީ ވޯޓުލަމުންދާއިރުވެސް ޕާޓީގެ މެމްބަރުންނަށް ވެވޭނެ ކަމުގަ. އެހެންވެއްޖިއްޔާ ފައިނަލް ވޯޓާސް ލިސްޓަށް ވާނީ ވޯޓާލިމޭއިރު، އޮންނަ ފައިނަލް ވޯޓާސް ލިސްޓް އެއީ ފައިނަލް ލިސްޓް. އޭގެ 10 ޕަސެންޓް ހަމަވޭތޯ ނޫންތޯ ބަލަން އަޅުގަނޑުމެން ޖެހޭނީ." ހަސަން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގައި އޮތް ދަ ޑިމޮކްރެޓްސްގެ ދަފްތަރުގައި 4،100 މެމްބަރުން ތިއްބަވައެވެ. އަދި އެޕާޓީން ނިންމާފައިވަނީ ޕްރައިމަރީ އޮންނަ ދުވަހުވެވެސް އެޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެވޭނެ އިންތިޒާމު ހަމަޖައްސަވައި ވޯޓުވެސްލެވޭނެ ގޮތް ވަނީ ހަމަޖައްސަވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.