ޚަބަރު

އީސީގެ ރައީސް ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރައްވައިފި


  • ފުއާދުގެ އިތުބާރު ނެތްކަމަށް ތާއީދުކުރީ މެމްބަރު ނަޝާޠު، ޑޮކްޓަރ މުޙައްމަދު ޒާހިރު އަދި ޢާޞިފް

  • ފުއާދު މަޤާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް

  • ފުއާދު ވިދާޅުވީ އޭނާއާއިމެދު ޚިޔާލް ތަފާތުވަނީ ކޮމިޝަންގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާތީ ކަމަށް

  • އިތުބާރު ގެއްލޭފަދަ ކަމެއް ނެތްކަމަށް ފުއާދު ވަނީ ވިދާޅުވެފަ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގުގެ އިތުބާރު ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ޖަލްސާއެއްގައި ފާސް ކުރައްވައިފިއެވެ. ކޮމިޝަންގެ ރައީސް ފުއާދުގެ އިތުބާރު ނެތްކަމަށް ފާސް ކުރައްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.

ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ބައިވެރިވެ ވަޑައިގެންފައި ނުވެއެވެ. މިބައްދަލުވުން ޗެއަރ ކުރެއްވީ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބްއެވެ. މިބައްދަލުވުމުގައި ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރެއްވީ ކޮމިޝަންގެ ތިން މެމްބަރުން ކަމަށްވާ، ޢަލީ ނަޝާޠު، ޑޮކްޓަރ މުޙައްމަދު ޒާހިރު އަދި މުޙައްމަދު ޢާޞިފްގެ ތާއީދާއެކުގައެވެ.

ހަބީބް ވިދާޅުވީ މި ވޯޓަކީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން ދުރުކުރުމަށް ނެގުނު ވޯޓެއް ނޫން ކަމަށެވެ. ސަބަބަކީ ގާނޫނީ ގޮތުން ކޮމިޝަންގެ ރައީސް މަގާމުން ވަކިކުރުމުގެ ބާރު މެންބަރުންނަށް ލިބިދީފައި ނުވާތީއެވެ. އަދި އެބާރު ލިބިދެނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން، ނުވަތަ ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން ކަމަށެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ކޮމިޝަންގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކުރެއްވި ނަމަވެސް އެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮމިޝަންގެ މިބައްދަލުވުމުގައި މިފަދަ ކަމެއް ހިނގާދިޔަކަން ކޮމިޝަންގެ ނައިބް ރައީސް ހިއްސާ ކުރެއްވިކަމަށެވެ. ފުއާދު ވިދާޅުވީ އޭނާއާއިމެދު ހިތްހަމަ ނުޖެހޭ މެމްބަރުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮމިޝަންގެ މަސައްކަތްތައް މާބަރަށް ކުރިއަށްދާތީ ހުރި ކަންބޮޑުވުންތަކެއް ކަމަށެވެ.

ނަމަވެސް އިތުބާރު ނެތްކަމަށް ގަބޫލު ކުރައްވާ މެމްބަރުން ދައްކަވާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި މަސައްކަތް ކުރައްވަމުންދަނީ ޤާނޫނީ އިމުގެ ތެރެއިން ކޮމިޝަނުން ކުރައްވަންޖެހޭ މަސައްކަތްތައް މިނިވަންކަމާއިއެކު ކުރެއްވުމަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދުގެ އިތުބާރު ނެތްކަމަށް ކޮމިޝަނުން ފާސް ކުރައްވާފައިވާއިރު، ޤާނޫނުގައިވާ ގޮތުން ފުއާދު މަޤާމުން ވަކިވާނެ އެއްވެސް ހާލަތެއް ނެތެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި ޚިޔާލްތަފާތުވުންތަކެއް އޮތްއިރު ކޮމިޝަންގައި އޮތް އެންމެ ބޮޑު މަސައްކަތަކީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބެވެ.