ޚަބަރު

ދިރާސީ އައު އަހަރާއެކު ޞަލާޙުއްދީން ސްކޫލުގައި ކިޔަވައިދޭން ފަށާނެ


  • ޞަލާޙުއްދީން ސްކޫލުގައި ކިޔަވައިދޭނީ ގުރޭޑު 1 އިން 10 އަކަށް

  • މިއަހަރު ކިޔަވައިދޭނީ ގްރޭޑް 1 އިން ގްރޭޑް 9 އަކަށް

އަންނަ ދިރާސީ އައު އަހަރާއެކު، ޞަލާޙުއްދީން ސްކޫލުގައި ކިޔަވައިދޭން ފައްޓަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޞަލާޙުއްދީން ސްކޫލުގައި މިއަހަރު ގުރޭޑު 1 އިން 9 އަށް ކިޔަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިސްކޫލުން މިއަހަރު 1408 ކުދިންނަށްވަނީ ޖާގަ ދީފައެވެ.

ޞަލާޙުއްދީން ސްކޫލުން ޖާގަ ލިބުނު ދަރިވަރުންގެ ބެލެނިވެރިންނާއި، އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވަނީ ރެހެންދި ސްކޫލްގައި ބައްދަލު ކުރައްވާފައެވެ. އެގޮތުން، މި ބައްދަލުކުރެއްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ، ސްކޫލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ބެލެނިވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ވިދާޅުވީ، ތާވަލާއި އެއްގޮތަށް ސްކޫލްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ދިރާސީ އައު އަހަރާއެކު ޞަލާޙުއްދީން ސްކޫލްގައިވެސް ކިޔަވައިދޭން ފަށާނެކަމަށް ޕީއެސް ވިދާޅުވިއެވެ. ސްކޫލުގައި ކިޔަވައިދޭން ފަށާއިރު، ގުރޭޑު 1 އިން 9 އަކަށް ކިޔަވާދިން ނަމަވެސް އަންނަ އަހަރުން ފެށިގެން ގްރޭޑު 10އަކަށް ކިޔަވައިދޭނެ ކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ.

ޞަލާޙުއްދީނަށް ޕްރިންސިޕަލެއް ހަމަޖައްސަވާފައިވާއިރު ސްކޫލަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ޞަލާޙުއްދީން ސްކޫލުގައި ޕްރިންސިޕަލެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ކުޅުއްދުއްފުށީ އަފީފުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނާޞިހާ އިދްރީސެވެ.

ޞަލާހުއްދީން ސްކޫލުގެ އިތުރުން މާލޭގައި ދިރާސީ އައު އަހަރަށް ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތުގެ މަސައްކަތްވެސް ނިންމާ ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ސީއެޗްއެސްސީގެ އައު ޢިމާރާތް ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި ހުޅުވުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.