ރިޕޯޓް

އޯޓިޒަމް ކުދިންގެ ބެލެެނިވެރިންނަށް ޕޭރެންޓިންގް ޕްރޮގްރާމް


ކުއްޖަކު ހެދި ބޮޑުވެގެން އަންނައިރު، އެކި އުމުރު ފުރާތަކުގައި އެކުއްޖާއަށް ތަފާތު ބަދަލުތަކެއް އާދެއެވެ .ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަންނަ ތަފާތު އެކި ބަދަލުތަކާ ހުރެ، އެކި މަރުޙަލާތަކުގައި ކުދިންނާ މެދު އަމަލުކުރަން ޖެހޭގޮތް ވެސް ތަފާތެވެ. ފަންނީ މާހިރުން ވިދާޅުވާ ގޮތުގައި "އެޑްލޮސެންސް" ނުވަތަ ފުރާވަރުގެ ޢުމުރަކީ މައިބަފައިން އެކުދިންނާ އެންމެ އަޅާލާން ޖެހޭ ޢުމުރުފުރައެވެ. އަދި ބެލެނިވެރިކަމުގެވެސް އެންމެ ގޮންޖެހުން ބޮޑު އުމުރު ފުރާގެ ގޮތުގައި މާހިރުން ފާހަގެކުރެއެވެ. 

މިގޮތުން ބަލާއިރު އޯޓިޒަމް ހުންނަ ކުދިންނަކީ "ޗެލެންޖިންގް ބިހޭވިއާރ" ތަކެއް ހުންނަ ކުދިންނަށް ވީއިރު، ފުރާވަރަށް އަރައިގެން އަންނައިރު މައިންބަފައިންނަށް މިކުދިން ގެންގުޅުމުގައި ވަރަށް އުދަގޫ ޙާލަތްތައް ދިމާވެއެވެ. ބައެއް ޙާލަތްތަކުގައި މައިބަފައިންނަށް އެކަށީގެންވާ ބެލެނިވެރިކަމުގެ ހުނަރާއި، ކުދިންނާއި ޑީލް ކުރާނޭ ގޮތްތައް ނޭގުމުގެ ސަބަބުން ކުއްޖާއަށް އޭގެ ނޭދެވޭ އަސަރުކުރާކަން ދިރާސާތަކުން ދައްކައެވެ. އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނަށް މިކަމުގައި އެހީތެރިވުމުގެ ގޮތުން "މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން" އެ.މް.އެމް.އޭ އިން  މިހާރު ވަނީ "ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން" ޝީއާ ގުޅިގެން "އެޑްލޮސެންސް ޕޭރެންޓިންގް" ގެ ޚާއްޞަ ޕްރޮގްރާމެއް ފަށާފައެވެ.

މި ޕްރޮގްރާމާއި ބެހޭ ގޮތުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުގެ މެނޭޖިންގް ޑިރެކްޓަރ އިފްހާމް ޙުސައިން ވިދާޅުވީ މި ޕްރޮގްރާމްގެ މައި ގަނޑު މަޤްޞަދަކީ އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންގެ ކިބައިގައި ބެލެނިވެރިކަމުގެ ހުނަރު އަށަގެންނެވުމާއި، ކުދިން ގެންގުޅުމުގައި ދިމާވާ އެކި އެކި ކަންތައްތައް ޙައްލު ކުރުމުގައި ބެލެނިވެރިންނަށް އެހީތެރިވެދިނުން ކަމުގައެވެ.

"އަޞްލު ޙަޤީގަތުގައި އޯޓިޒަމް ސްޕެކްޓްރަމްގައި މިއުޅެނީ އެކި މިންވަރަށް ބިހޭވިއަރ މައްސަލަ ހުންނަ ކުދިން. އެކި ކުދިންނަށް އަޅާލަން މިޖެހެނީ އެކި މިންވަރަށް. މި ކުދިން ބެލެހެއްޓުމުގައި ބެލެނިވެރިންނަށް އެކި ގޮންޖެހުންތައް އެބަދިމާވޭ. އެމް.އެމް.އޭގެ އަމާޒަކީ ބެލެނިވެރިންނަށް ކުރުމަތިމިވާ ގޮންޖެހުންތަކުން އަރަގައިގަންނަން އެހީތެރިވެދިނުން. އެގޮތުން މިޕްރޮގްރާމް ރޭވިފައިވާނީ ބެލެނިވެރިންނާއި ވީހާވެސް ގާތުން،ބެލެނިވެރިންނަށް ދިމާާވާ އެކި ޙާލަތްތަކުގައި އެހީތެރިވެދޭނޭ ގޮތައް ބައްޓަން ކޮށްގެން. އަދި ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ ފުރާވަރަށް ކުދިން އަރައިގަންނައިރު، ކުރިމަތިވާ ކަންތައްތަކާއި ޑީލް ކުރާނޭ ގޮތްތައް ވަކިން ޚާއްޞަކޮށް މިޕްރޮގްރާމްގައި ދަސްކޮއްދެވޭނެ. އުންމީދަކީ ބެލެނިވެރިން މީގެ ބޭނުން ހިފައިގެން ކުދިންގެ ޙާލަތު ބަދަލުކުރުމަށް އިތުރަށް ބާރު އަޅައިގެން މަސައްކަތް ކުރުން." އިފްހާމް ހުސައިން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ސޮސައިޓި ފޯރ ހެލްތު އެސޯސިއޭޝަން- ޝީގެ ފަންނީ ބޭފުޅުންނެވެ. ޕްރޮގްރާމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ، ޝީ ގެ ޑިރެކްޓަރ އޮފް ކައުންސެލިންގް ޝިޔާމާ އަންވަރު ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއްގައި ކުދިން ގެންގުޅުމަށް މައިންބަފައިން ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އަދި ފުރާވަރަށް އަރައިގެން އަންނައިރު ކުއްޖާއާ މެދު މުޢާމަލާތު ކުރެވޭ ގޮތުން ބައެއް ޙާލަތްތަކުގެ ހިތާމަވެރި ކަންކަމާއި މައިންބަފައިން ކުރިމަތިލާން ޖެހިފައިވާތަން މުޖުތަމައުން ފެންނަމުންދާކަމަށެވެ.އެގޮތުން މިހާރު  މިކުރިޔަށްދާ ޕްރޮގްރާމްގައި އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެެ.ެރިންނަށް ކުރިމަތިވާ ކަންކަން ދެނެގަނެ ،އެކަމާއި ކުރިމަތިލާނޭ ގޮތްތައް ދަސްކޮއްދެމުންދާކަމަށް ޝިޔާމާ ވިދާޅުވިއެވެ. 

"ޝީއަކީވެސް  ދުަޅަހެޔޮ އާއިލާއެއް ބިނާ ކުރުމުގެ މަސައްކަތް ކުރާ ޖަމާއަތެއް.މި ޕްރޮގްރާމްގައި އަޅުގަނޑު އެންމެ ފުރަތަމަ މި މަސައްކަތް ކުރަނީ ބައިވެރިވި ބެލެނިވެރިންނަކީވެސް ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް.އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި، ޗެލެންޖިންގް ބިހޭވިއަރސް ތަކެއް ކުދިން ގޮވައިގެން އެބޭފުޅުންނަށްވެސް އުޅެވޭނީ ނަފްސާނީ ގޮތުން ދުޅަހެެޔޮ ބަޔަކަށްވެގެން.އެހެންކަމުން ކޮންމެ ދުވަހެއްގެ ކްލާހެއްގައިވެސް އެެންމެ ފުރަތަމަ ކަމަކަށް ކިޔާދެނީ ސެލްފް ކެއަރ. އަދި އެބޭފުޅުން ގާތުން އާއްމު ދިިރިއުޅުމުގައި ދިމާވާ ކަންކަން އަހާ އޮޅުން ފިލުވާ އެބޭފުޅުންގެ ޓާގެޓްތައް ޙާޞިލްވާ ގޮތައް ބައްޓަން ކޮށްގެން ޕްރޮގްރާމް ކުރިޔަށް މިގެންދަނީ. މައިގަނޑު ތިން ބައެއް މީގައި މިއޮތީ..އެއީ ހަމަ ފުރާވަރުގެ އާދައިގެ ކުދިންވެސް ބެލުމުގައި ބެެލެނިވެރިން ގައިގައި ހުންނަން ޖެހޭ ހުނަރުތައް ،އަދި އޯޓިޒަމް ސްޕެކްޓްރަމް އަށް ފޯލްވާ ކުދިންނާއި ފުރާވަރުގައި ޑީލް ކުރާނޭ ގޮތްތައް،އަދި ގޭގެ މާޙައުލުގައި ދިމާވާ އެކި ކަންކަމުގައި އަމަލު ކުރާނޭ ގޮތްތައް. އަޅުގަނޑުމެން މި ޕރޮގްރާމްގައި ބޭނުން މިކުރަނީ އޭ.ބީ.އޭ (އެޕްލައިޑް ބިހޭވިއަރ އެނެލައިސިސް) ޓެކްނީކްސް" ޝިޔާމާ އަންވަރު ވިދާޅުވިއެވެ.

މާޗްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ، ޝީ ބިލްޑިންގްގައި ކުރިޔަށްގެންދާ މި ޕްރޮގްރާމްގައި އޯޓިޒަމް ހުންނަ ކުދިންގެ ވިހި ބެލެނިވެރިއަލު ބައިވެރިވެއެވެ. އެއްމަހުގެ މުއްދަތަކައް ކުރިޔަށްދާ މި ޕްރޮގްރާމްގައި ބައިވެރިވި ބެލެނިވެރިން ބުނީ ،  ވަރަށް ބޭނުންތެރި،އަދި އެމީހުންގެ ދިިރިއުޅުމަށް ވަރަށް މުހިންމު ކަންތައްތަކެއް މި ޕްރޮގްރާމުން ދަސްވެއްޖެކަމަށެވެ. އެމް.އޭ.އޭއާއި ޝީ ގުޅިގެން ޕްރޮގްރާމް ކުރިޔަށްގެންދާތީ ވަރަށް އުފާވާކަމަށް އެ ބެލެިނިވެރިން ބުންޏެވެ.

އޯޓިޒަމް އެސޯސިއޭޝަނުން ބުނީ، ކަމާއި ގުޅުން ހުރި އިދާރާތަކާއި ،ހެޔޮ އެދޭ ފަރާތްތަކާއި ގުޅިގެން މިއަހަރު ތެރޭގައި ،އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނަށް އިތުރު ޚާއްޞަ ޕްރޮގްރާމްތަކެއް ރާވަމުންދާކަމަށެވެ. އަދި މިއަންނަ އެޕްރީލް މަހަކީ އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ މަހަށްވާތީ،އެމަހާއި ގުޅުވައިގެންވެސް ބެލެނިވެރިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތަކެއް ރާވަމުންދާކަމަށެވެ.

އޯޓިޒަމް ހުންނަ ނުވަދިހަ ހަތަރު ކުއްޖަކައް ޚިދްމަތް ދެމުން އަންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުގައި ،ލައިސަންސް ލިބިފައިވާ ބިހޭވިއަރަލް ތެރަޕިސްޓަކާއި އިން ހައުސް ތިން ޑޮކްޓަރުން ހަރަކާތްތެރިވެއެވެ. އެއެސޯސިއޭޝަނުން ބުނީ ކުދިންނަށާއި ބެލެނިވެރިންނަށް ކުރިމަތިވާ ކަންތައްތަކުގައި މި ބޭފުޅުންގެ އެހީތެރިކަމާއި އެކު ،ބެލެނިވެރިންނާއި ވީހާވެސް ގާތުން ޚިދްމަތް ދެމުން އަންނަ ކަމަށެވެ.