ދިވެހި ފުޓްބޯޅައިގެ ފޯރި ނުގެއްލޭ ކަމަށާއި ބަޔަކު އެކަމާ ކަންބޮޑުވެގެން ވާހަކަދައްކަނީ ފުޓްބޯޅައިގެ ފޯރީގެ ޝައުގު އެބައެއްގެ ތެރޭގައި އޮތުމުން ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
ޓީވީއެމުން މި ހަފުތާގައި ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަމުން ނިޒާމްބެ ބުނީ ދިވެހި ފުޓްބޯޅަ މިހާރުގެ ޖީލާ ހަމައަށް ގެނެސްދީފަ ވަނީ ވަރަށް ގިނަ ބައެއްގެ ދާ އޮހޮރުވައިގެން ކަމަށެވެ. އަދި އެންމެ މަތީފަންތީގެ ފުޓްބޯޅަ ކުޅުމަށް ރާއްޖެއިން ވިސްނާކަމުގައި ވަނީނަމަ، އެކަންކަމަށް ހުރި ގޮންޖެހުންތަކަށް ބަލައި, އެ ގޮންޖެހުންތައް ގިރާ ކުރަންޖެހޭ ކަމަށް ބުންޏެވެ.
ނިޒާމްބެ ބުނީ ރާއްޖެއަށް ފުޓްބޯޅަ އިތުރު ހަރުފަތަކަށް ދާން ބަލާއިރު، ކަންކަން ލިމިޓްވުމަކީ މިވުގަތަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އެގޮތުން ފައިސާގެ ގޮތުންނާއި, ރިސޯސްގެ ގޮތުން އަދި ވަސީލަތުގެ ގޮތުން ބެލި ނަމަވެސް، އެކަންކަން ލިމިޓްވުމަކީ އެންމެ ބޮޑު މައްސަލަ ކަމަށްވެސް ބުންޏެވެ. އަދި އެކަންކަން ހައްލުކުރުމަށްޓަކައި ދާންވީ މަގު ސާފުވާން ޖެހޭ ކަމަށާއި، އެމަގުން ޕްލޭންކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނިޒާމްބެ ފާހަގަކުރިއެވެ.
ނިޒާމްބެ ބުނީ ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ ވަކިވަކި މީހުން ގޮތްކިއުމުގެ ބަދަލުގައި އެންމެ އެކައްޗެއް ކިޔައިގެން ރަނގަޅު ޕްލޭނަކާއެކު ދާންވީ ދިމާ ކިޔާދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އަދި އެކކަންކަން މަދުވާތީ ފުޓްބޯޅަ ފޯރި ގެއްލިފަވާ ކަމަށް ހީވަނީ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.
"މިހާރު ހާލަތު ހުރިގޮތުން ދިވެހި ކުޅުންތެރިންނަށް އަޅުގަނޑުމެން އެބަ ބަލަން ޖެހޭ އެންމެ މަތީ ފަންތީ ބޯޅަ ކުޅެވިދާނެތޯ؟ އެހިސާބަށް ދާން އަޅުގަނޑުމެން ނަގާނީ ކިހާ މުއްދަތެއްތޯ؟ އެހިސާބަށް ދާން އަޅުގަނޑުމެންނަށް ހުރި ޗެލެންޖަސް ތަކަކީ ކޮބައިތޯ؟މުޙައްމަދު ނިޒާމް (ނިޒާމްބެ)
ފުޓްބޯޅައިގެ ފޯރި ދަށްވާތި، އެ ފޯރި އަލުން ގެނައުމަށްޓަކައި "ސޭވް އެފްއޭއެމް" ނަމުގައި ފުޓްބޯޅައިގަ ހަރަކާތްތަރިވާ ފަރާތްތަކުން ވަނީ ދާދި ފަހުން ހަރަކާތެއް ފަށާފައެވެ.