ޚަބަރު

ރިޔާސީ އިންތިޚާބު 2023: "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" ޤާއިމްކޮށްފި


  • ޝަކުވާ ފޯމުތައް އިލެކްޝަން ވެބްސައިޓާ، ކައުންސިލްތަކުން ލިބެން ހުންނާނެ

  • ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450

  • އިންތިޚާބާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަންޖެހޭނީ، އޭސީސީއަށް

  • ބްރޯޑްކާސްޓް ކުރުމާބެހޭ މައްސަލަތައް ހުށަހަޅަންޖެހޭނީ، ބްރޯޑްކާސްޓިންގ ކޮމިޝަނަށް

ރިޔާސީ އިންތިޚާބު 2023 އާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ޤާއިމު ކޮށްފިއެވެ. މިއީ އިންތިޚާބާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅުމަށް ކޮންމެ އިންތިޚާބެއްގައިވެސް އުފައްދާ ބިއުރޯއެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި، އިންތިޚާބާ ބެހޭ މަރުކަޒުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ކަމަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުންވެސް ފޯމު ލިބޭނެކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ގާއިމް ކޮށްފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެކަމަށެވެ.

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ. ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައްވެސް ބަލައިގަންނާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.

ރިޔާސީ އިންތިހާބު 2023 ގެ ގައުމީ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދާފައިވީ ނަމަވެސް، އިންތިޚާބާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަންޖެހޭނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށެވެ. އަދި ބްރޯޑްކާސްޓް ކުރުމާބެހޭ މައްސަލަތައް ހުށަހަޅަންޖެހޭނީ، ބްރޯޑްކާސްޓިންގ ކޮމިޝަނަށެވެ.