ޚަބަރު

ރިޔާސީ އިންތިޚާބު: ހަތްދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރީވުމަށް 3،436 ފޯމު


  • މިތާހަނަށް 3،436 ފަރާތަކުން ރީ-ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާފައިވޭ

  • އޮންލައިންކޮށް މިހާތަނަށް 2،859 ފޯމު ހުށަހަޅާފައިވޭ

  • މިހާތަނަށް ސިޔާސީ އެއްވެސް ޕާޓީއަކުން ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިނުވޭ

  • ހުށަހެޅި ފޯމު ތަކުގެ ތެރެއިން 724 ފޯމު ވަނީ ރިޖެކްޓްކޮށްފަ

ރިޔާސީ އިންތިޚާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގެ ތެރެއިން ފުރަތަމަ ހަތް ދުވަހު 3،400 އަށްވުރެ ގިނަ ފަރާތުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. ރީ-ރަޖިސްޓްރީ ކުރާ ފަރާތްތަކުން 16 ޖުލައިން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ހުށަހެޅޭނެއެވެ. އެހެންނަމަވެސް 16 ޖުލައިން 5 އޮގަސްޓާއި ހަމައަށް ކަރުދާސް ފޯމުތައް މެދުވެރިކޮށް ރީ ރަޖިސްޓްރީ ވުމަށް ހުށަހެޅޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިމަހުގެ 16 އިން ފެށިގެން 22 ވަނަ ދުވަހާއި ހަމައަށް 3،436 ފަރާތަކުން ރީ-ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ހުށަހަޅާފައިވާ 2،859 ފޯމާއި، ކަރުދާސް ފޯމުތަކުގައި ހުށަހެޅި 577 ފޯމު ކަމަށެވެ. މިހާތަނަށް ރީ-ރަޖިސްޓްރޭޝަނަށް ސިޔާސީ ޕާޓީއަކުން އެއްވެސް ފޯމެއް ހުށަހަޅާފައި ނުވެއެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތަފްސީލް:

* އޮންލައިންކޮށް: 2،859 ފޯމު
* އަތޮޅުތަކުން: 239 ފޯމު
* މާލޭގައި ގާއިމްކޮށްފައިވާ އެކި ކައުންޓަރުތަކަށް: 58 ފޯމު
* މޯބައިލް ސްޓޭޝަންތަކަށް: 122 ފޯމު
* ރިސޯޓްތަކުން: 136 ފޯމު
* ރާއްޖެއިން ބޭރުގެ ގައުމުތަކުން: 22 ފޯމު

މިފޯމުތަކުގެ ތެރެއިން 724 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. ރިޖެކްޓް ކުރި ގިނަ ފޯމުތަކަކީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައިވެސް މާލެއަށް ރީ-ރަޖިސްޓްރީ ކޮށްފައިވާ އަދި މިފަހަރުގެ އިންތިޚާބަށްވެސް މާލެއަށް ރީ-ރަޖިސްޓްރީ ވުމަށް ހުށަހެޅި ފޯމުތަކެވެ. މީގެ އިތުރުން އައިޑީކާޑުގެ މުއްދަތު ހަމަވެފައިވުމުން ރިޖެކްޓް ކުރި ފޯމުތަކެއްވެސް ހިމެނެއެވެ. ރީ-ރަޖިސްޓްރީ ކުރުމުގައިވެސް އައިޑީކާޑުގެ މުއްދަތު ހަމަވެފައިވާނަމަ، ވޯޓުލުމަށް ރީ-ރަޖިސްޓްރީކޮށް ނުދެއެވެ.

މިހާތަނަށް ހުށަހެޅުނު ފޯމުތަކުގެ ތެރެއިން 2627 ފަރާތެއްވަނީ ރީ-ރަޖިސްޓްރީ ކޮށްދީފައެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދިން ގޮތުގައި، އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް، މީހަކަށް ފަހަރަކު ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ ރަސްމީ މުއައްސަސާއެއް ހިއްސާވާގޮތަށް، ފޯމު ހުށަހަޅާނަމަ، އެ ތަނެއްގެ ތައްގަނޑާއި، ރަސްމީ ސިޓީ އަކާއެކު، ފަހަރަކު 100 ފޯމު ހުށަހެޅޭނެކަމަށްވެސް، އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށްވެސް، ރީ-ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން 8 ޤައުމެއްގެ 9 ސިޓީއެއްގައި ވޯޓުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.