ޚަބަރު

އެލް މޯބައިލްގެ އެންމެ ބޮޑު ފިހާރަ މާލޭގައި ހުޅުވައިފި


  • މި ފިހާރަ ހުޅުވާފައިވަނީ މަޖީދީމަގު އޮލިމްޕަސް ކައިރީ

  • ދެ ފަންގިފިލާ ހުރޭ

  • މޯބައިލް ފޯނާއި އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ގޭމިން ގެޖެޓްސް އެއްތަނަކުން ލިބޭނެ

މޯބައިލް ފޯނާއި އިލެކްޓްރޯނިކް ސާމާނުގެ ވިޔަފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެލް މޯބައިލްގެ އައު ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

"އެލް މޯބައިލް 7" ހުޅުވާފައިވަނީ މަޖީދީމަގު އޮލިމްޕަސް ކައިރީގައެވެ. މިތަން ހުޅުވާފައިވަނީ ހަބޭސް ބޮޑުބެރު ގްރޫޕުގެ ހިތްގައިމު ހަރަކާތްތަކަކާއެކުއެވެ.

މިއީ އެލް މޯބައިލްގެ އައުޓްލެޓްތަކުގެ ތެރެއިން ޖާގައިގެ ގޮތުން ބަލާނަމަ މިވަގުތު ހުރި އެންމެ ތަނަވަސް އެންމެ ބޮޑު ފިހާރައެވެ. މި ފިހާރަ ހުންނަނީ 2 ފަންގިފިލާއެވެ.

އެގޮތުން މި ފިހާރައިން އެލް މޯބައިލްގެ އެހެން އައުޓްލެޓްތަކެކޭވެސް އެއްފަދައިން މޯބައިލް ފޯނާއި، ފޯނު ކަވަރާއި، ހެޑްސެޓާއި، ސްޕީކަރާއި، ސްމާޓް ވޮޗާއި އެނޫންވެސް އިލެކްޓްރޯނިކް ގިނަ ސާމާނުތައް ލިބެން ހުންނާނެއެވެ.

އަލަށް ހުޅުވި މި ފިހާރައާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން އެލް މޯބައިލްގެ މެނޭޖަރ ޙަސަން ރިފާޢު ވިދާޅުވީ، މިއީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހައިން މޯބައިލާއި ގޭމިންގ އެކްސެސަރީޒް އެއްތާކުން ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހުޅުވި ފިހާރައެއްކަމަށެވެ.

ވަކިން ޚާއްސަކޮށް ގޭމްކުޅުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މިއީ ކަމުދާނެ ފިހާރައަކަށް ވެގެންދާނެކަމަށް ރިފާޢު ވިދާޅުވިއެވެ.

"ގޭމިންގ ކުދިންނަށް ޚާއްސަކޮށް ހުޅުވުނު ތަނެއް މިއީ. މިތަނުން ގިނަ ޕްރޮޑަކްޓްސް ލިބިގެންދާނެ އެއް ފިހާރައަކުން. ޚާއްސަކޮށް ގޭމިންގ ލެޕްޓޮޕްސް، ގޭމިންގެ ކޮމްޕިއުޓާރސް، ގޭމިންގ ސްޓޭޝަންސް ލިބޭނެ. އަދި މި ޒަމާނުގެ ބައިސްކަލުތަކާ އެއްޗެހިވެސް އެއްތަނަކުން ލިބިގެންދާނެ" ރިފާޢު ވިދާޅުވިއެވެ.

އެލް މޯބައިލަކީ މަޝްހޫރު މޯބައިލް ބްރޭންޑް "އެޕަލް"ގެ ރާއްޖޭގެ އޮތޮރައިޒްޑް ރީސެލަރއެކެވެ. އެހެންކަމުން އަލަށް މި ހުޅުވުނު ފިހާރައިންވެސް އެޕަލްގެ ގިނަ ޕްރޮޑަޓްކްތަކެއް ކަސްޓަމަރުންނަށް ގަންނަން ލިބެނޭކަމަށް އެލް މޯބައިލްއިން ބުނެއެވެ.

އަލަށް ހުޅުވުނު ފިހަރާއާއެކު އެލް މޯބައިލްއިން މާލޭ ސަރަޙައްދުގައި ހިންގާ އައުޓްލެޓްތަކުގެ ޢަދަދު 9 އަކަށް މިވަނީ އިތުރުވެފައެވެ. އެއީ މާލޭގައި ހިންގާ 7 ފިހާރައާއި ހުޅުމާލޭގައި ހިންގާ 2 ފިހާރައެވެ.

އެލް މޯބައިލްއިން ފޯނާއި އިލެކްޓްރޯނިކް ސާމާނުގެ ވިޔަފާރީގައި އުޅޭތާ މިހާރު 20 އަކަށް އަހަރު ވެދާނެއެވެ.