ކުޅިވަރު

ގްރީން ސްޓްރީޓްސް އަތުން ޓީސީއަށް މޮޅެއް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު ޓީސީ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ޓީސީން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ވިއްސާރައިގެ ތެރޭގައި ކުޅުނު މެޗުގެ 42 ވަނަ މިނެޓްގައި ހައިސަމް ރަޝީދު ވަނީ ޓީސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ފަހަތަށް ފޮނުވާލި ބޯޅައެއް ހޯދައި، ހައިސަމް ކާމިޔާބުކުރި ލަނޑެކެވެ.

އަދި މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިން މިނެޓު ތެރޭ ޓީސީން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 48 ވަަނަ މިނެޓުގައި އުފެއްދި ކައުންޓަރ އެޓޭކެއްގައި މި ލަނޑު ޖަހައިދިނީ އަޖުމަލް އަޙްމަދެވެ.

އޭގެ ފަހުން މި މެޗުގެ ފަހު 15 މިނެޓު ގްރީން ސްޓްރީޓްސްއިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ފަހަތަށް ކުޅުނު އައްމާން ނަސީމަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

މި ނަތީޖާއާއެކު ތާވަލުގެ ފަސްވަނައިގައި ޓީސީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާ އެކުއެވެ. އަދި މެޗުން ބަލިވި ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އެ ޓީމަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.