ކުޅިވަރު

ޤައުމީ ޓީމަށް ހިތްވަރުދިނުމަށް "ރާޅު ރާއްޖެ" ކެމްޕެއިން ލޯންޗުކޮށްފި


ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކުރާ ރާއްޖޭގެ ސާފިން ޤައުމީ ޓީމާއި ބޮޑީބޯޑިން ޤައުމީ ޓީމުގެ އެތުލީޓުންނަށް ހިތްވަރުދިނުމުގެ ގޮތުން "ރާޅު ރާއްޖެ" ނަމުގައި ބޮޑު ކެމްޕޭނެއް ލޯންޗުކޮށްފިއެވެ.

މި ކެމްޕޭން ލޯންޗުކޮށްފައިވަނީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިސްނަގައިގެންނެވެ. ކެމްޕޭނު ލޯންޗުކުރިއިރު އަންނަ މަހު މާލޭ ރާޅުގަނޑު ސަރަޙައްދުގައި ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރާޅު ރާއްޖެ ކެމްޕެއިން ރަސްމީކޮށް ފަށައިދިނީ ދާދިފަހުން ނިމުނު އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ލޯ މެޑެލް ހާސިލުކުރި ރާއްޖޭގެ އެއްވަނަ އަދި އެންމެ ކާމިިޔާބު ސާފަރު ހުސެއިން އަރީފް (އިބޫ) އާއި ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރ އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) އަދި ޖޫނިއާ އެއްވަނަ އެތުލީޓް ކަމަށްވާ އާމިން އުމަރު މޫސާއެވެ.

މި ކެމްޕޭނުގެ ބްރޭންޑިންގައި ރާއްޖޭގެ ރާޅު ޕޮއިންޓުތަކުގެ ނަންތައް ވަނީ ހިމަނާފައެވެ. އަދި ރަތް ކުލަ އާއި ހުދު ކުލަ ހިމެނޭ ޓީޝާޓެއް ވަނީ މި ކެމްޕޭން ލޯންޗުކުރުމުގެ ގޮތުން ދައްކާލާފައެވެ. ޓީޝާޓުގެ އިތުރުން ސްޓިކާ ޕެކްސް އަދި ޤައުމީ ދިދަ އާއި އެހެނިހެން ސާމާނު މީގެތެރޭގައި ހިމެނެއެވެ. މި ސާމާނު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޕްރީ-އޯޑަރ ކުރެވޭނެކަމަށް އެމްބީބީއޭއިން މައުލޫމާތުދެއެވެ.

ކެމްޕެޭން ލޯންޗުކުރުމަށްފަހު ވާހަކަދައްކަމުން ހުސައިން އަރީފް (އިބޫ) ބުނީ ބައިނަލްއަޤުވާމީ މުބާރާތްތަކަށްދާއިރު ސަޕޯޓަރުންގެ ސަޕޯޓް ވަރަށް މުހިންމު ވާނެ ކަމަށާއި، މި ކެމްޕޭންގެ ސަބަބުން އެތުލީޓުންނަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

ކުޑަ އައްޔަ ބުނީ ކުރިއަށްއޮތް ތަނުގައި ސަޕޯޓަރުންގެ އެ ހިތްވަރު ބޭނުންވާ ކަމަށާއި، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ދިވެހި އެތުލީޓުންނަށް އިތުރު ތަރުހީބު ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އުއްމީދީ އެތުލީޓް އާމިން ބުނީ މިދިޔަ އަހަރަށްވުރެ ރަނގަޅު ޕާފޯމަންސެއް މި އަހަރު ދެއްކުމަށް ބޭނުންވާ ކަމަށާއި، އެމްބީބީއޭއިން މިފަދަ ކެމްޕޭނެއް ކުރިޔަށްގެންދާތީ ޝުކުރުއަދާކުރާ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ވިޒިޓް މޯލްޑިވްސް ޕްރޯގައި ރާއްޖެއިން ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. އެ މުބާރާތުގެ ޖޫނިއާ ބައިން ފައިނަލުގައި އާމިން ވާދަކޮށްފައިވާއިރު، މިއީ ރާއްޖޭގެ އެތުލީޓެއް ވޯލްޑް ރޭންކިން ބޮޑީބޯޑް މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.