ކުޅިވަރު

ބުރު ސްޕޯޓްސް ބަލިކޮށް މާޒިޔާ އަލުން އެއްވަނައަށް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގެ ބުރު ސްޕޯޓްސްކުލަބު ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަލުން ޖެހިލައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މާޒިޔާއިން ކުރިއަށް ޖެހިގެން ކުޅުނުއިރު، މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމުގެ ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު ލައިންސްމައިނުގެ އިރުޝާދާއެކު ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އޭގެ ފަހުންވެސް މި މެޗުގައި މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަމްޕުއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް މާޒިޔާއިން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނުއިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މިއީ ބުރު ސްޕޯޓްސްގެ ގޯލްކީޕަރު އަބްދުﷲ އަރުޝަން ކުރިއަށް އެރި ވަގުތު، އަރިމަތިން ނާއިޒު ހަސަން (ދާދު) ހުރަސްކޮށްދިން ބޯޅައަކުން ހަސަން ރާއިފް އަޙްމަދު (ހަންނަ) ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހުވެސް މާޒިޔާއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި ބުރު ސްޕޯޓްސްއަށް މި މެޗުގައި މާޒިޔާގެ ގޯލާ އަމާޒުކޮށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

މި މޮޅާއެކު މާޒިޔާ އަލުން އެއްވަނައަށް ޖެހިލީ ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކުލަބު އީގަލްއަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސްއަށް ވަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ.