ޚަބަރު

ރިޔާސީ އިންތިޙާބު: އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް ފުރުޞަތު ހުޅުވާލައިފި


  • ފޯމު ހުށަހެޅުމުގެ ފުރުޞަތު ޖުލައި 19 އިން އޮގަސްޓް 13 ގެ ނިޔަލަށް

  • ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް

  • އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 18 އަހަރުން މަތީގެ ދިވެހިންނަށް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމާއި އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށާއި، އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 13 އޯގަސްޓް ވާ އާދިއްތަ ދުވަހުގެ 15:00 އާއި ހަމައަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

އިންތިޚާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އަދި އެ ފަރާތަކީ ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކަށް ވެގެންނުވާނެއެވެ.

މޮނިޓަރުންގެ ގޮތުގައި މި އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ފަރާތަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ ނުވަތަ، ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުކޮށްދޭންޖެހޭނެއެވެ. އަދި ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހެއްކަމުގައި ވެގެންނުވާނެއެވެ.

އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި އެއްވެސް މީހަކަށް މޮނިޓަރެއްގެގޮތުގައި ނުވަތަ އޮބްޒާވަރެއްގެގޮތުގައި ހަރަކާތްތެރިއެއްނުވެވޭނެއެވެ. އޮޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރަތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤުރާރުގައި ސޮއިކުރަންޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެކަކު އެއް އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާނަމަ، އެފަރާތަކުން އެންމެ ފުރަތަމަ ހުށަހަޅާ ފޯމު ބަލައިގަނެ އެހެން ފޯމުތައް ބާޠިލު ކުރެވޭނެކަމަށެވެ. އަދި އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުނަމަ އެފޯމެއްވެސް ބާޠިލު ކުރެވޭނެކަމަށެވެ.

އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށްކަމަށް އީސީން ވިދާޅުވެއެވެ. އަދި ފޯމު ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.