ކުޅިވަރު

ޔޫވީ އަތުން އީގަލްސްއަށް ހަނި މޮޅެއް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ކުލަބު އީގަލްސް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން އީގަލްސްއިން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔޫވީގެ ގޯލްކީޕަރު އަލީ ނާޖިހެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ޖެހި ތިން ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަޙްމަދު ރިޒުވާން (ރިޒޭ) އެވެ.

އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މުޙައްމަދު ރީހާން ދިން ބޯޅައެއްގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު ޖަހައިދިނީ މި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝަނާން ރަޝާދެވެ.

މި މެޗުގެ ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި އީގަލްސްއަށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވި ނަމަވެސް، އެ ޓީމުގެ އިސްމާޢީލް އީސަ (މެސީ) އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ 81 ވަނަ މިނެޓުގައި ނިޝާމް މުޙައްމަދު ރަޝީދު (ޕޮގްބާ) ދިން ބޯޅައަކުން ފޭދޫ އިއްބެ ވަނީ ލަނޑެއް ޖަހައި، މި މެޗުން އީގަލްސް މޮޅުކޮށްދީފައެވެ.

އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ޔޫވީގެ ރީހާނަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން، އެ ޓީމުން މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް އީގަލްސް ޖެހިލިއިރު، ކުޅުނު ފަސް މެޗުން އެ ޓީމަށް ވަނީ 13 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި މި ވަގުތު އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި މާދަމާ ހަވީރު ބުރު ސްޕޯޓްސް ކުލަބު ބަލިކޮށްގެން، މާޒިޔާއަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.