ޚަބަރު

މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިނގިރޭސިވިލާތާއެކު އެއްބަސްވުމެއް


  • ބަނދަރުތަކުގެ ސަލާމަތާގުޅޭ ކަންކަމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރާނެ

  • ފަންނީ ތަޖުރިބާ ތަރައްޤީކުރުމަށް އެހީތެރިވެދޭނެ

  • އައިއެސްޕީއެސް ކޯޑާއި އެއްގޮތަށް ކަންކަން ހަމަޖެހިފައި ހުރިކަން ޔަޤީންކުރާނެ

މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ ރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި، އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓާއި ދެމެދުގައެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއެވެ. އަދި އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް އޭވިއޭޝަން އެންޑް މެރިޓައިމް ސެކިއުރިޓީ ބެރޮނެސް ވެރޭއެވެ.

މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ ބަނދަރުތަކާއި އެ ބަނދަރުތަކުގެ ސަލާމަތާގުޅޭ ކަންކަމުގައި ދެ ޤައުމު ގުޅިގެން ކަނޑު ދަތުރުފަތުރުކުރުމުގެ ސަލާމަތީ މިންގަނޑުތައް ހަރުދަނާކުރުމަށް އެހީތެރިވެދިނުމާއި، ޤަވާއިދުތައް އެކުލަވާލާ ޤާއިމުކުރެވޭނެ އާންމު އޮނިގަނޑެއް ފާސްކުރުމަށް އެހީތެރިވެދޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކަނޑު ދަތުރުފަތުރުކުރުމުގެ ސިނާޢަތާ ގުޅޭގޮތުން ފަންނީ ތަޖުރިބާ ތަރައްޤީކުރުމަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމްތައް ހިންގުމާއި، ކަނޑުގެ ސަލާމަތާ ގުޅޭ ހުރިހާ ދާއިރާއަކުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑް، އައި.އެސް.ޕީ.އެސްގެ ތެރެއިން ދެ ޤައުމަށް ފައިދާ ލިބޭނެގޮތްތައް ހެދުން ހިމެނޭކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.


ދެ ޤައުމުގެ ދެމެދު ވެވުނު މި އެއްބަސްވުމުގެ ތެރެއިން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ދެ ޤައުމުގެ ބަނދަރުތަކަށް ޒިޔާރަތްކޮށް، އައި.އެސް.ޕީ.އެސް ކޯޑާއި އެއްގޮތަށް ކަންކަން ހަމަޖެހިފައި ހުރިކަން ޔަޤީންކުރުމާއި، ބައްދަލުވުންތަކާއި ކަނޑު ދަތުރުފަތުރުކުރުމުގެ ދާއިރާއާގުޅޭ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ސެމިނާތަކާއި ވޯކްޝޮޕްތަކާއި، ކެޕޭސިޓީ ބިލްޑްކުރުމަށް އެހީތެރިވުން ހިމެނެއެވެ. އަދި ޕޯޓް ސެކިއުރިޓީ ޑޮމެއިންއާއި ގުޅިފައިވާ ކޮންސަލްޓެންސީ ހަރަކާތްތަކާގުޅޭގޮތުން ދެ ފަރާތުން އެއްބާރުލުން ބަދަލުކުރުން ހިމެނެއެވެ.

ހަމައެހެންމެ ރާއްޖެއަށް މިވަގުތު ބޭނުންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައްކަމަށްވާ މެރިޓައިމް ސްޓްރެޓެޖީތަކާއި، ޤަވާއިދުތާކާއި، ޕްރޮޓޮކޯލް އަދި އެސް.އޯ.ޕީތަކާގުޅޭ ކަންކަމުގައި އިނގިރޭސިވިލާތުގެ އެހީތެރިކަން ލިބިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.