ކުޅިވަރު

އޭޝިއަން ސަރފިން ޗެމްޕިއަންޝިޕް: ފިރިހެން ބައިން ރާއްޖެއަށް ރިހި މެޑެލް


އޭޝިއަން ސާފިން ފެޑެރޭޝަނުން ކ. ތުލުސްދޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފިރިހެން ޓީމުން ރިހި މެޑެލް ހޯދައިފިއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ރާއްޖެ ރިހި މެޑެލް ހޯދީ މި ސަރަޙައްދުގެ ސްރީ ލަންކާ އާއި އިންޑިއާ އަދި ބަންގްލަދޭޝް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ރޭންކިންގައި ރާއްޖެ އާއި ޖެހިގެން ތިންވަނަ އިންޑިއާ އަށް ލިބުނުއިރު ސްރީލަންކާ އަށް ލިބުނީ ހަތަރުވަނަ އެވެ. އަދި ބަންގްލަދޭޝްއަށް ލިބިފައިވަނީ ރޭންކިންގެ 11 ވަނައެވެ. ރޭންކިންގެ އެއްވަނަ ހޯދީ ޖަޕާނެވެ.

ޖުމްލަ 8 އެތްލީޓުން ރާއްޖެއިން ވާދަކޮށްފައިވާއިރު މީގެތެރެއިން ދެ އެތްލީޓުންނަކީ މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން ލިބުނު ދެ ސްލޮޓެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނާއި ޖޫނިއާ އަދި އަންހެން ޑިވިޝަނުގައި ވެސް ރާއްޖެއިން ވާދަކުރިއިރު އޯޕަން ޑިވިޝަނުގައި ރާއްޖޭގެ ހުސެއިން އަރީފް (އިބޫ) ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

މީގެއިތުރުން ރާއްޖޭގެއިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ވަނީ ރެޕޭޗާޖް ހަވަނަ ބުރަށް ދަތުރުކުރި އިރު އަހުމަދު އާގިލް (އަންމަޑޭ) ވަނީ ރެޕޭޗާޖް ފަސްވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި ރެޕެޗާޖް ހަތަރުވަނަ ބުރުގައި އާދަމް މުއީން އިބްރާހިމާއި ހޫދު އަހުމަދު (ހޫބްޒް) އާއި ހަސަން ނާސިހު (ޗިކާ) އަދި އަބްދުﷲ އަރީފް (ފުކޫ) ވަނީ ވާދަކޮށްފައެވެ. މި އެތްލީޓުން މިހާހިސާބަށް ދިޔައީ އޭޝިއާ ބައްރުގެ ވަރުގަދަ ސާފަރުން ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ޖޫނިއާ ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ ޔަސީން އަހުމަދު ނާޝިދާއި ސައްޔިދު ސަލާހުއްދީން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މި ދެ އެތްލީޓުން ރެޕެޗާޖް ތިންވަނަ ބުރުގައި ވާދަކުރި އެވެ. އަދި ރެޕެޗާޖް ދެވަނަ ބުރުގައި މުހައްމަދު އިނާން އަބްދުލް ހަންނާނާއި ޝާނިފް ޝަފީގު އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ ވާދަކުރި އެވެ.

ޓީމު އިވެންޓެއްގެ ގޮތުގައި ކުރިޔަށްދިޔަ އަލޯހާ ކަޕުގައި ވާދަކޮށް ރާއްޖެއިން ލޯ މެޑަލް ހޯދާފައިވެއެވެ.