ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ނ. ލަންދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ލަންދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ބޮޑުތިލަ އިންވެސްޓްމަންޓާއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ފުއާދެވެ. އަދި ބޮޑުތިލަ އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޑްމިން އޮފިސަރު ނީނާ ނާފިއުއެވެ.
ލަންދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ މަސައްކަތް ފަށާތާ 41 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން އެއް މިލިޔަން އެއްލައްކަ ހަތާވީސްހާސް ތިންސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ސާޅީސް ހަތް ލާރި ޚަރަދުކޮށްގެން ކުރިިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.