ކުޅިވަރު ކައުންސިލުގެ ރައީސާގެ މަގާމަށް އެ ކައުންސިލުގެ ކުރީގެ މެންބަރު މުއުމިނާ އާދަމް (މޫންޓީ) ޢައްޔަންކުރައްވައިފިއެވެ.
ކުޅިވަރު ކައުންސިލުގެ ރައީސާގެ މަޤާމަށް މުއުމިނާ ޢައްޔަންކުރައްވާފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރަށެވެ. މުއުމިނާ ވަނީ ކުޅިވަރު ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ބާސެކެޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެވަޑައިގެންނެވިއިރު، ނެޓްބޯޅަ ކުޅެ އެ ކުޅިވަރުގައި ހިންގެވުމުގައި އިސް ދައުރެއް ވަނީ އަދާކުރައްވާފައެވެ. އަދި މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯގައި މުއުމިނާ ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަވަމުންގެންދަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކުޓިވް އޮފިސަރުގެ މަޤާމަށް މުއުމިނާ ޢައްޔަންކުރައްވާފައިވަނީ މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައި 2020 ވަނަ އަހަރުއެވެ. އަދި މުއުމިނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" ގެ މެންބަރުކަމާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަންވެސް އަދާކުރައްވާފައެވެ.
މުއުމިނާ މީގެ ކުރިން ވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2014 ވަނަ އަހަރު ޙާޞިލުކުރައްވާފައެވެ. އަދި އޭނާ ވަނީ 2019 ވަނަ އަހަރު ރެހެންދި އެވޯޑުވެސް ޙާޞިލުކުރައްވާފައެވެ.