ޚަބަރު

ބާރުގަދަ ތޫފާން ތާލިމް ޗައިނާއަށް، ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް


ބާރުގަދަ ތޫފާނެއް ކަމުގައިވާ ތާލިމް ޗައިނާގެ ދެކުނުގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން އެ ސަރަޙައްދުތަކުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. ތޫފާނުގެ އަސަރު ކުރަމުން ދަނީ އެ ޤައުމުގެ ދެކުނުގައިވާ ގުއަންޑޮންގް ޕުރޮވިންސަށެވެ. ތޫފާން ތާލިމަކީ އެ ސަރަޙައްދަށް މި އަހަރު އަރާ ހަތަރުވަނަ ތޫފާނެވެ.

ތޫފާނާ އެކު ބާރުވަޔާ އެކު ބޯކޮށް ވާރޭވެހެމުންދާއިރު، ގުއަންޑޮންގުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ 230,000 އަށްވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި، އިތުރު މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ މީހުންގެ ތެރޭގައި ގުއަންޑޮންގުގެ އައްސޭރިފަށުގައި ގާއިމުކޮށްފައިވާ މަސްކޮށިތަކުގައި މަސައްކަތްކުރާ 8,000 އެއްހާ މީހުން ހިމެނެއެވެ. އަދި، އައްސޭރިފަށުގެ ސަރަޙައްދުތަކުގައިވާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ސަރަޙައްދުތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ވެސް ވަނީ ބަންދުކޮށްފައެވެ.

މި ތޫފާނާ އެކު ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާއިރު، ތޫފާނުގެ އަސަރު ކުރަމުންދާ ސަރަޙައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރުކޮށްފައެވެ. މި ތޫފާނާ އެކު ގުއަންޑޮންގުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގެ ކަނޑުތައް ގަދަވެ، އައްސޭރިފަށުގެ ސަރަޙައްދުތަކަށް އުދަ އަރަމުންދާ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. މި ތޫފާނާ ގުޅިގެން ގުއަންޑޮންގުގެ ބައެއް ސަރަޙައްދުތަކުގައި ރޭލާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ގުއަންޑޮންގުގެ އިތުރުން ތޫފާން ތާލިމް ވަނީ ވިއެޓްނާމްގެ ބައެއް ސަރަޙައްދުތަކަށް ވެސް އަރާފައެވެ. ތޫފާނާގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ޤައުމުގެ ކުއަންގް ނިން އަދި ހައި ފައޮންގަށެވެ. ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން 30,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ވިދާޅުވިއެވެ. ވިއެޓްނާމްގެ އިތުރުގެ ސަރަޙައްދުތަކާ ހިސާބުން ތުފާނުގެ ބާރު ކެނޑޭނެ ކަމަށް ބެލެވޭ ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

ތާފާން މިހާރު ދަތުރު ކުރަމުން ދަނީ ދެކުނު ޗައިނާ ކަނޑާ ދިމާލަށް ކަމުގައި ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. އަދި، ތޫފާނުގެ ބާރު އެއްކޮށް ކެނޑުގެ ކުރިން ދެވަނަ ފަހަރަކަށް ޗައިނާގެ ގުއަންގްޝީ ޝުއަންގް ސަރަޙައްދަށް އަރާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ. މި ތޫފާނާ އެކު ޗައިނާގެ ދެކުނުގައި އޮންނަ ހައިނާންގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް 20 ފޫޓު އުސް ރާޅުތައް އަރަމުންދާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.